ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކުރުމަށް 'އެމްޕަވަރމަންޓް ހަބް' އެއް ޤާއިމްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލުކުރަނިވި މާޙައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދެވޭނެ، 'އެމްޕަވަރމަންޓް ހަބް' ގެ ފަހުމުނާމާގައި ސޮއިކުރުން އަދި ޕްރޮޖެކްޓު ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުއެވެ.
އިޖްތިމާޢީ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގައި މުޅިން އަލަށް ޚިދުމަތް ދޭންފަށާ 'އެމްޕަވަރމަންޓް ހަބް' އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޝާމިލުކުރަނިވި އަދި ބާރުވެރި މުޖުތަމަޢެއް ހޯދުމަށްޓަކައި އެ ވުޒާރާއިން އިސްނަގައިގެން ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އާއި ގުޅިގެން ފަށާ ޚިދުމަތެއް ކަމަށެވެ. މިތަނުގެ ޚިދުމަތް އަމާޒުކުރެވިފައިވަނީ 40-18 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށް އަމާޒުކޮށްގެން ކަމަށް ވުޒާރާއިން ބުންޏެވެ.
މި ހަބްގެ އަމާޒަކީ ސްކޫލްގެ މަރުޙަލާ ފުރިހަމަކުރުމަށްފަހުގައި މުޖުތަމަޢުއަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުން ކަމަށް ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން މިނިވަންކަމާ އެކީ، އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައް ހޯދައިދިނުމަކީވެސް މި ހަބްގެ މުހިންމު އެއް މަޤްޞަދު ކަމަށް ވުޒާރާއިން ބުންޏެވެ.

"އެމްޕަވަރމަންޓް ހަބް" ގެ ފަހުމުނާމާގައި ސޮއިކުރުން އަދި ޕްރޮޖެކްޓު ލޯންޗުކުރުމުގެ ރަސްމިއްޔާތު. / ފޮޓޯ: އިޖްތިމާޢީ ވުޒާރާ
ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2 ގައި ހުޅުވާ މި ހަބްގައި ހުންނާނެ ބައިތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިއްކުމަށް ޢާންމުންނަށް ހުޅުވާލެވިފައިވާ ފިހާރަ އެއް ހިމެނޭ ކަމަށް ވުޒާރާއިން ބުންޏެވެ. އަދި ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްޤީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަބްގައި 3 ވޯރކްޝޮޕް ޖާގައެއްގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނޭ ކަމަށް ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން ހަބްގައި އިޖްތިމާޢީ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމް އަދި މަލްޓި މީޑިއާ ރޫމް އެއް ހުންނާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން އިތުރަށް ބުނީ މިއަހަރު ތެރޭގައި ހުޅުވުމަށް ރޭވިފައިވާ ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވިފައިވާ ކަމަށެވެ. އެމްޕަވަރމަންޓް ހަބްގެ ކާމިޔާބު ގުޅިފައިވަނީ މަދަނީ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދްމަތްދޭ ތަންތަނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމަށް ކަމަށާއި، ކުރިއަށް އޮތްތަނުގައި މި ޕްރޮޖެކްޓާއި ބެހޭ މަޝްވަރާއާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.









