ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން، މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ރަސްމީ ލިޔުން އެ ކޯޕަރޭޝަނުގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މި ހިދުމަތާ ގުޅޭގޮތުން އެފްޑީސީން ބުނީ، މާލޭގެ ރަށްވެހިކަން ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުގެ 'ފަހި ޕޯޓަލް' (portal.fdc.mv) މެދުވެރިކޮށް މިހާރު އެ ލިޔުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. މިއީ ފުލެޓުތަކުގެ ވެރިފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ތައާރަފުކުރި އިންތިޒާމެކެވެ.
މި ލިޔުން ހޯދުމަށްޓަކައި ޕޯޓަލްއަށް ލޮގިންވުމަށްފަހު، ބޭނުންވާ މައުލޫމާތުތައް ފުރިހަމަކޮށް ތިރީގައިވާ ލިޔެކިޔުންތައް އަޕްލޯޑް ކުރަންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެ އެވެ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)
- އުފަންދުވަހުގެ ސެޓްފިކެޓް (އެޓެސްޓްކޮށްފައިވާ)
- ކައިވެނީގެ ސެޓްފިކެޓް (އެޓެސްޓްކޮށްފައިވާ)
އެފްޑީސީން އިތުރަށް ބުނީ، ހުށަހަޅާ މައުލޫމާތުތަކާއި ލިޔެކިޔުންތައް ބަލައި ޗެކްކުރުމަށްފަހު، އެ ކޯޕަރޭޝަނުގެ ޕޯޓަލް މެދުވެރިކޮށް ބޭނުންވާ ރަސްމީ ލިޔުން ދޫކުރެވޭނެ ކަމަށެވެ.
މި ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ މަސައްކަތްތައް އަވަސްކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









