ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުތަކުގެ އާންމު ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާކުރާނެކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ, އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
"...ގަވައިދާ ހިލާފަށް ކުނި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި, އެފްޑީސީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރާން ކަން އާންމުކޮށް އަންގައި އިއުލާނު ކުރީމެވެ," އެފްޑީސީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެފްޑީސީން ބުނީ މިހާރު ވެސް ބައެއް ފަރާތްތަކުން އުސޫލުތަކާ ހިލާފުވުމުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޔުނިޓުތަކަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑު ފަދަ ތަކެތި އުސޫލުގެ ތެރެއިން އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން ވެސް އެ ކުންފުނިން ވަނީ ފާހަަގަކޮށްފަ އެވެ.
އެފްޑީސީ ޓަވަރުތަކާއި ޓަވަރުތަކުގެ ސަރަހައްދަށް ޖަމާކޮށްފައިހުރި ކުނި ނެގުމުގެ މަސައްކަތް މިހާރު އެފްޑީސީ އާއި ވެމްކޯ ގުޅިގެން އަންނަނީ ކުރަމުންނެވެ.










