ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާކޮށްފިއެވެ.
ބޯހިޔަވަހިކަމަށް ދީފައި ހުންނަ ފްލެޓުތައް ޢާމްދަނީ ހޯދުމަށް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.
އެފްޑީސީގެ "އަމާން އުދަރެސް" ފްލެޓެއް، ބިދޭސީންގެ ލޭބާ ކުއާޓާއެއްގެ ގޮތަށް ކުއްޔަށް ދޫކުރުމުން، އެ ފްލެޓުގެ ވެރިފަރާތް 50،000ރ. އިން މިދިޔަ ފެބްރުއަރީގައި ވެސް ޖޫރިމަނާކުރި އެވެ.
އެފްޑީސީން ބުނީ އުސޫލާ ހިލާފަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރިކަން ފާހަގަވެ އިތުރު ދެ މައްސަލައެއްވެސް ބަލަމުންދާ ކަމަށެވެ. އެބާވަތުގެ ކަންކަން ނުކުރުމަށް ތިން މީހަކަށް އިންޒާރުދީފައިވާނެ ކަމަށް ވެސް ބުންޏެވެ.
ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް އެއްބަސްވުގައި ބަޔާން ކޮށްފައި އޮވެއެވެ.









