މާލެ، ދިވެހިރާއްޖެ - ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޗެއާޕާސަންގެ މަގާމާއި އެ ކޯޕަރޭޝަނުގެ ބޯޑު މެންބަރުކަމުން ގ. ރޯސްއައިލެންޑް، އަލްފާޟިލާ ނަޝްވާ ޢަބްދުﷲ ވަކިކޮށްފި އެވެ.


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެފްޑީސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝްވާ އެ މަގާމުން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެ އެވެ.
ނަޝްވާ އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާއަކީ ޕަބްލިކް ހައުސިން އަދި އިންފްރަސްޓްރަކްޗާގެ ދާއިރާއިން 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެފްޑީސީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ނަޝްވާ ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވާފައެވެ. މީގެއިތުރުން، ސަރުކާރުގެ އެކި މިނިސްޓްރީތަކުގައިވެސް އޭނާ ވަނީ މުހިންމު ޒިންމާތަކެއް އުފުއްލަވާފައެވެ.








