ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިދާރީ އެންމެހާ ހިދުމަތްތައް އެއް ވިއުގައަކުން ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް "ވެމްކޯ" ގެ ނަމުގައި ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ވެމްކޯއިން ބުނީ، އަލަށް ތައަރަފުކުރެވުނު މި މޯބައިލް އެޕްލިކޭޝަނާއެކު އެ ކުންފުނިން ދެމުންގެންދާ ކުނި ނެގުމާ ގުޅޭ އެންމެހާ ހިދުމަތްތައް މިހާރު ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ވަރަށް ފަސޭހަކަމާއެކު ހޯދޭނެކަމަށެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ކުނި ނެގުމުގެ ހިދުމަތަށް އަލަށް ރަޖިސްޓްރީވުމާއި، ބޮޑެތި ކުނި ނުވަތަ ވަކިވަކިން އުކާލަން ބޭނުންވާ ކުނި އުކާލުމަށް އެދި ރިކުއެސްޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ. މީގެއިތުރުން، ހިދުމަތްތަކާ ބެހޭ މައުލޫމާތު ސާފުކުރުމަށް ވެމްކޯގެ ކަސްޓަމާ ކެއާ އެޖެންޓުންނާ ވަގުތުން ޗެޓްކުރުމުގެ ފުރުސަތާއި، ހުށަހަޅާފައިވާ މައްސަލަތައް ގޮސްފައިވާ ހިސާބާއި ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލުވެސް އެޕުން ފެންނަން ހުންނާނެކަމަށް ވެމްކޯއިން ފާހަގަކުރި އެވެ.
މި އެޕްލިކޭޝަނާއެކު ވެމްކޯގެ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަމަށްވެސް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ އެވެ. އެގޮތުން، ކަރަންޓު ބިލުގެ އިތުރުން ވެމްކޯގެ ބިލުތަކުގެ ތަފްސީލާއި، ވޭތުވެދިޔަ މަސްތަކުގެ ބިލުތައް ބަލާލުމުގެ އިތުރުން އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.
މި އެޕްލިކޭޝަން މިހާރު އެޕަލްގެ "އެޕް ސްޓޯރު" އަދި އެންޑްރޮއިޑްގެ "ގޫގުލް ޕްލޭ ސްޓޯރު" އިން ހިލޭ ޑައުންލޯޑް ކުރެވެނެކަމަށާއި، އެޕްގެ ހިދުމަތްތައް ބޭނުންކުރެވޭނީ "އީފާސް" މެދުވެރިކޮށް ލޮގިން ވެގެންކަމަށް ވެސް ވެމްކޯއިން ފާހަގަކުރި އެވެ.









