ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މަސައްކަތު މަހާއުލުގެ ސަލާމަތާއި ރައްކާތެރިކަން ދެނެގަތުމަށް ހާއްސަ ތަހުގީގެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.
އެޗްއާރްސީއެމްއިން ހާމަކުރި ގޮތުގައި، ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، އެކަމާ ގުޅޭ އަވަސް ތަހުގީގެއް ހިންގުމަށް އެ ކޮމިޝަނުން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. މި ތަހުގީގު ފަށަން ނިންމާފައިވަނީ މި އަހަރުގެ މިހާތަނަށް ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.
އެންމެ ފަހުން ހިނގި ހާދިސާގައި، މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގެ ވެމްކޯ ސައިޓެއްގައި މީހަކު ވަނީ 12 ނުވަތަ 13 ފޫޓު އުސް ރޭމްޕަކުން ކޮންޓެއިނަރެއްގެ ތެރެއަށް ވެއްޓިފައެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، މިދިޔަ ޖަނަވަރީ މަހު ތިލަފުށީ ވެމްކޯ ސައިޓުގައި ވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި 24 އަހަރުގެ ބިދޭސީ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާތާ ދެ ދުވަސް ފަހުންނެވެ. ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އޭނާ މަރުވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އޭނާގެ ގައިމައްޗަށް ކުނިތަކެއް އެޅުމުގެ ސަބަބުންނެވެ.
މި މައްސަލައާ ގުޅިގެން ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތުގައި އެކްސްކެވޭޓަރު ދުއްވަން އިން ސްރީލަންކާގެ ރައްޔިތަކު ވަނީ ހައްޔަރުކޮށްފައެވެ. ވެމްކޯގެ ސައިޓުތަކުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.










