ވިއްސާރަ ވާނެ ކަމަށް ލަފާކުރެވޭތީ މާލޭގެ ގޭބިސީތަކުގައި ވެލިބަސްތާ ޖެހުމަށް، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3500 އަށްވުރެ ގިނަ ގޭބިސީތަކުގައި ވެލި ބަސްތާ ޖަހައިފިއެވެ.
މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މާލެ ސިޓީ ކައުންސިލުންނެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލޭގެ އެކި ގޭބިސީތަކުގައި 1033 ވެލި ބަސްތާ ޖަހައިދީފައިވާއިރު، މާލެ ސިޓީ ކައުންސިލުން 2500 އަށްވުރެ ގިނަ ވެލި ބަސްތާ ޖަހައިދީފައި ވެއެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް މި މަސައްކަތުގައި ބައިވެރިވެފައި ވެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދިންގޮތުގައި، މިހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑުދަނީ ރާއްޖެއާއި ގާތަށް ޖެހެމުން ކަމަށާއި، ހޯމަ ދުވަހުގެ ރެއިން ފެށިގެން ރާއްޖެއަށް ވިއްސާރަ ވާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުން ގޯސްވެ ގޭބިސީތަކަށް ފެންވަދެގެން މާލެގައި މިމަހުގެ ކުރީކޮޅު ވެސް ގިނަ ގޭބިސީތަކަކަށް ގެއްލުން ލިބުނެވެ. މިކަމާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ކުރާނެ ކަމަށް ބެލެވޭތީ، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކަމާއި ގުޅޭ އިދާރާތަކުންދަނީ މަސައްކަތް ކުރަމުންނެވެ.
ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު ޚާއްސަ ޓާސްކް ފޯހެއް އުފައްދަވާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ޓާސްކް ފޯހުގައި ހިމެނެނީ އެމްއެންޑީއެފްއާއި، ފުލުހުންގެ އިތުރުން އެންޑީއެމްއޭއެވެ.









