ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެ ވިއްސާރަވާނެތީވެ، ކަމާބެހޭ އިދާރާތަކުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށާއި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެހީތެރިކަމަށް އެދޭނަމަ 102 އަށް ގުޅުމަށް ވެސް ކަމާބެހޭ ފަރާތްތަކުން އާންމުންނަށް އިރުޝާދު ދެއްވާފައިވެއެވެ.
މޫސުން ގޯސްވާނެތީވެ، މާލޭގެ ގޭބިސީތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ކަމާ ގުޅުންހުރި އިދާރާތަކުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3500 އަށްވުރެ ގިނަ ގޭބިސީގައި ވެލިބަސްތާ ޖަހައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގައި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ކައިރިވަމުންދާ ކަމަށާއި، ހޯމަ ދުވަހުގެ ރެއިން ފެށިގެން ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވެއެވެ.
މި މަހުގެ ކުރީކޮޅުވެސް މޫސުން ގޯސްވެ ގޭބިސީތަކަށް ފެންވަދެގެން މާލެ ސިޓީގައި ގިނަ ގޭބިސީތަކަކަށް ގެއްލުން ލިބުނު ކަން ފާހަގަކޮށްލެވެއެވެ. އެ ހާދިސާގައިވެސް ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.









