ރައްޔިތުންގެ މަޖިލީހުގެ މި ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ގޮތުން މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައެވެ.
ޖަލްސާގެ އެޖެންޑާގައި އޮތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ ދެ މަޤާމަށް އައްޔަންކުރާ ދެ މެންބަރުންނަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވުމުގެ އިތުރުން ވަޒީރުންގެ މަޖިލީހަށް ގެނެސްފައިވާ ބަދަލުތަކަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވުމެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެންބަރުން އައްޔަންކުރުމާ މެދު ކޮމިޓީން ނިންމާފައިވާ ގޮތާއި އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަންކުރުމާ މެދު ކޮމިޓީން ނިންމާފައިވާ ގޮތާ މެދު ވޯޓަށް އެހުމަށް ވެސް އެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.
ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަނީ ބައެއް މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރުމަށް ޤާނޫނުގައި ބުނާ 60 ދުވަހުގެ މުއްދަތު ހަމަވާތީއެވެ. އަދި އިތުރު ޖަލްސާއެއް މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ވެސް ވަނީ ތާވަލުކޮށްފައެވެ.
ތިން މަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހު ހައެއްގައެވެ. އެ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ.









