ހަބީބް ބޭންކު ކުރިން ހުރި ބިމުން ފެނުނު ބޮޑުބަޑިއަކީ 1600ގެ އަހަރުތަކުގެ ބަޑިއެއް: ވަޒީރު

އައިޝަތު ރުވާ ރިފްޢަތު | 163 ދުވަސް ކުރިން - 13 ޖެނުއަރީ 2025 13:09
ކުރީގެ ހަބީބް ބޭންކު ހުރި ބިމުން ފެނުނު ބޮޑުބަޑި. / ފޮޓޯ: ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާ
ކުރީގެ ހަބީބް ބޭންކު ހުރި ބިމުން ފެނުނު ބޮޑުބަޑި. / ފޮޓޯ: ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާ
ޚުލާސާ

މި ބޮޑުބަޑި ފެނިފައިވަނީ މާލޭގެ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި، ކުރިން ހަބީބް ބޭންކު ހުރި ބިމުގައި ޢިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ކަމަށް ތަރިކަ ދިރާސާކުރާ މަރުކަޒުން ހާމަކުރި.

ހަބީބް ބޭންކު ކުރިން ހުރި ބިން ކޮންނަނިކޮށް ފެނުނު ބޮޑުބަޑިއަކީ 1600ގެ އަހަރުތަކުގައި މާލޭގެ ބޮޑުފާރު ރާނާފައި ހުރި ސަރަޙައްދުން ފެނުނު ބަޑިއެއްކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި ބޮޑުބަޑި މިހާރު ވަނީ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި މި ބަޑި ސާފުކޮށް، ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބޮޑުބަޑި ފެނިފައިވަނީ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ނުވަތަ ބޮޑު ރަސްގެފާނުގެ ދުވަސްވަރު މާލޭގެ ހިމާޔަތުގައި ރާނާފައިހުރި ބޮޑުފާރެއް ހުރި ސަރަޙައްދަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މި ބަޑިއަކީ އެ ދުވަސްވަރުގެ ބަޑިއެއްކަން އަދި ދެނެގަނެވިފައި ނުވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ތާރީޚީ މަޢުލޫމާތުތަކުން އެނގޭގޮތުގައި، ބޮޑު ރަސްގެފާނުގެ ވެރިކަމުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ބުރުޒުތައް ބިނާކޮށް، ދެ ބުރުޒު ދެމެދުގައި ފާރެއް ލާފައިވެއެވެ. އަދި ފާރާއި ބުރުޒުތަކުގައި ބަޑި ދޮރު ކަނޑާފައިވާކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރައްވައެވެ.

ތަރިކަ ދިރާސާކުރާ މަރުކަޒުން މަޢުލޫމާތު ދިންގޮތުގައި، މި ބޮޑުބަޑި ފެނިފައިވަނީ މާލޭގެ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި، ކުރިން ހަބީބް ބޭންކު ހުރި ބިމުގައި ޢިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%