ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމަށް މިއަދު އައްޔަނުކުރެއްވި އާދަމް ނަސީރު އިބްރާހީމް، އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ކަށަވަރުކޮށްދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފް (މުންދު) ވިދާޅުވީ، މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނުކުރެއްވި އާދަމް ނަސީރު އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ކުރިން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އާދަމް ނަސީރު، އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން، މިއަދުގެ ވަގުތެއްގައި އޭނާ ވަނީ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރަކަށް އައްޔަންކުރައްވާފައެވެ.
އާދަމް ނަސީރު އިބްރާހީމަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އެކުލަވާލެވުނުއިރު، އޭނާ ފުރަތަމަ ހުންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަގާމުގައެވެ.









