އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަން މައްސަލާގައި އޭސީސީގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމަށް ދައުލަތުން ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބަލަން ހައިކޯޓުން އެންގުމާއި ގުޅިގެން، އާޒިމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުން މި މައްސަލަތައް ބޭރުކޮށްލީ ނޮވެންބަރު މަހު ފަހުކޮޅުއެވެ. އެއީ މުއައްސަސާތަކެއް ގުޅިގެން މައްސަލަ ތަހުގީގުކުރަން 'ޖޮއިންޓް އިންވެސްޓިގޭޝަން' އެއް ހިންގީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ މަހު ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލަތައް އަލުން ކްރިމިނަލް ކޯޓުން ބެލުމަށް އަންގާފައެވެ.
އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދެ ދައުވާއާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެވެ. މި ދައުވާތައް އޭނާގެ މައްޗަށް ކުރަނީ ދެ ފަހަރު މަތިން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށް ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުގައެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި އެއީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ ފައިސާ އާޒިމްގެ އެކައުންޓަށް ޖަމާކުރީ ތަހުގީގު ވަކި ގޮތަކަށް އަނބުރާލަން ރިޝްވަތުގެ ގޮތުގައެވެ
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ހަރަކާތްތެރިވި ޓީމް ލީޑް ކުރި އަބްދުالله އާޒިމް އެވެ.









