ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެކު މަސްވެރިންނަށް މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށުމާއި ގުޅިގެން، މަސްވެރިކަމަށް ނުކުތުން އިތުރުވެ، ގިނަ ރަށްރަށުގެ ފަޅުތެރެއިން މިހާރު ދޯންޏެއް ނުފެންނަކަން ފާހަގަކުރެވެއެވެ.
މިދިޔަ ދެހަފްތާއެއްހާ ދުވަހު ޚުލާސާގެ ޓީމެއް ވަނީ އދ އަދި ހުވަދު އަތޮޅަށް ދަތުރެއް ކޮށްފައެވެ. މަސްވެރި ރަށްތަކަށް ވެސް އަރާފައިވާއިރު ފާހަގަކުރެވޭ ކަމަކީ ފަޅުގައި ދޯންޏެއް ނެތުމެވެ. ސަބަބކީ މަސްވެރިކަން ރަނގަޅުވެ އަދި އޭގެ އިތުރުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ލިބި މަސްވެރިންނަށް އިތުރު ހިތްވަރެއް ލިބުމެވެ.
ރައީސްގެ ވަޢުދާއި އެއްގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް އޮންނަ އޮޑިވެރިންނަށް ޑިސެންބަރު 10 އިން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރަން ވަނީ ފަށާފައެވެ.
މި ނިންމުމާއި ގުޅިގެން، މަސްވެރިކަމަށް ނުކުންނަ ދޯނިތައް އިތުރުވެފައިވާ ކަމަށް ގިނަ މަސްވެރިން ބުނެއެވެ. ގދ. ތިނަދޫ މަސްވެރިއެއް ކަމަށްވާ ޒަރީރު ބުނީ މިހާރު ފަޅުތެރެއިން ދޯންޏެއް ނުފެންނަ ވަރަށް މަސްވެރިކަމަށް ނުކުތުން އިތުރުވެފައިވާ ކަމަށެވެ.
"މިހާރު ވަރަށް ބޮޑަށް ތަފާތުވެއްޖެ. ކުރިން ފައިސާ ލިބުމުގައި ދިމާވި ލަސްތަކާ ހެދި ގިނަ ބަޔަކު މަސްވެރިކަމަށް ނުކުތުން މަދުކޮށްލާފައި ތިބީ. އެކަމަކު މިހާރު 48 ގަޑިއިރުތެރޭ ފައިސާ ލިބޭނެކަން އެނގުނީމަ އެންމެން ވެސް ނުކުންނަނީ." އޭނާ ބުންޏެވެ.
ގއ. ދެއްވަދޫ މަސްވެރިންނާ ސުވާލުކުރުމުން ބުނީ މި ދުވަސްކޮޅަކީ މަސްވެރިކަން ތިޔާގި ދުވަސްވަރެއް ކަމަށާއި އުންމީދަކީ ކިރާ މަހަށް އަބަދުވެސް މިގޮތަށް ފައިސާ ލިބިގެން ދިޔުން ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ މިހާރު ބީއެމްއެލްގެ އެކައުންޓު ހުރި ފަރާތްތަކަށް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކޮށްދެވޭނެ ކަމަށާއި، ކުރިޔަށް އޮތްތަނުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އެކައުންޓް ހުރި ފަރާތްތަކަށް ވެސް މިފަދަ ގޮތަކަށް ފައިސާ ދޫކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށެވެ.









