ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސް ކޭހެއް ހަދިޔާކުރާނެ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯއިން ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި، މި މަސައްކަތް ކުރިއަށްދަނީ އެސްޓީއޯއާ ގުޅިގެން ކަމަށާއި، އަންނަ މަހު މަސްދަޅުތައް ތައްޔާރުކޮށް ނިމޭނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްދަޅު ކޭސް ދޫކުރާނެ ގޮތްތައް މިހާރު ރޭވެމުންދާ ކަމަށްވެސް އެ ކުންފުނިން ހާމަކުރިއެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހު ސަރުކާރުން ވަނީ ރާއްޖޭގެ 82،000 ގޭބިސީއަކަށް ކާޑުއަކަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފައެވެ. ނަމަވެސް މިއަހަރު ރައީސް ނިންމެވީ ކާޑުގެ ބަދަލުގައި ރަމަޟާން މަހު އެންމެ ގިނައިން ގެތަކުގައި ބޭނުންކުރާ މަސްދަޅު ހަދިޔާ ކުރެއްވުމަށެވެ.
މިފްކޯއިން އުފައްދާ އާދައިގެ މަސްދަޅެއްގެ އަގަކީ 16 ރުފިޔާއެވެ. މި އަގުން 48 މަސްދަޅަށް ޖެހޭނީ 768 ރުފިޔާއެވެ. 82،000 ގޭބިސީއަށް މި އަދަދުން ބަލާނަމަ، 62.9 މިލިޔަން ރުފިޔާގެ މަސްދަޅު ހަދިޔާ ކުރެވޭނެއެވެ.
މީގެއިތުރުން، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހު ފެނާއި ކަރަންޓް ބިލުތަކުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރު މި ގޮތުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެވުނެވެ.









