މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މި އަހަރުގެ ފުރަތަމަ ބޯޑުގެ ބައްދަލުވުން އއ. އުކުޅަހުގައި މިއަދު ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ޗެއާމަން އަބްދުﷲ އިޔާސް ރިޔާޒްގެ އިތުރުން ބޯޑު ޑިރެކްޓަރުން ވަނީ އުކުޅަހަށް ވަޑައިގެންފަ އެވެ. މި ބައްދަލުވުން ބޭއްވީ އުކުޅަސް ކޮންވެންޝަން ސެންޓަރުގަ އެވެ.
އުކުޅަހުގެ ކައުންސިލުން ވަނީ އެމްއެމްޕީއާރްސީގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ބޯޑު ބައްދަލުވުމުގައި ބައިވެރިވުމަށް އުކުޅަހަށް ވަޑައިގެންނެވި އެމްއެމްޕީއާރުސީގެ އެމްޑީއާއި ޗެއާމަންގެ އިތުރުން ބޯޑު ޑިރެކްޓަރުން.
އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގައި އެ ކުންފުނީގެ އެމްޑީ ޝިއުރީ އާއި ބޯޑު ޑައިރެކްޓަރުން އެ ރަށުގެ ކައުންސިލާއި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އުކުޅަހަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ރަށެކެވެ.
ޝިއުރީ ވިދާޅުވި ގޮތުގައި، މި ބައްދަލުވުން އުކުޅަހުގައި ބޭއްވުމުގެ މަގުސަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލޯކަލް ޓުއަރިޒަމަށް އިސްކަންދޭކަން ހާމަކޮށްދިނުމާއި އެމްއެމްޕީއާރްސީ އޮތީ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ފަރާތްތަކާ އެކު ވެސް މަސައްކަތްކުރުމަށް ތައްޔާރުކަން ހާމަކުރުމެވެ.
އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމާ ގުޅޭ މަސައްކަތްތައް ކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ޓޫރިޒަމަށް އިތުރަށް ކުރިއެރުވުމަށް ގެނެވޭނެ މުހިންމު ބައްދަލުވުމެއް ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.









