ލުބުނާނުގެ ގާނޫނުހަދާ މަޖިލީހުން އިއްޔެ އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޖޯސެފް ޢައޫން އެ ގައުމުގެ ރައީސް ކަމަށް އިންތިޚާބު ކޮށްފިއެވެ.
2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރީގެ ރައީސް މިޝޭލް ޢައޫންގެ ރިޔާސީ ދައުރު ނިމުނު ފަހުން، ލުބުނާނުގައި ރައީސަކު ނެތްތާ ދެއަހަރު ވީއެވެ. ސަބަބަކީ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެއްވެސް ބަޔަކަށް ލިބިފައި ނުވުމާއި، ގިނަ މެންބަރުން ހިތްހަމަޖެހޭ ކެންޑިޑޭޓަކު ނެތުމުގެ ސަބަބުންނެވެ.
އުމުރުން 60 އަހަރުގެ ޖޯސެފް ޢައޫނަށް މި މަޤާމަށް އިންތިޚާބުވުމުގެ ފުރުސަތު ލިބުނީ، ހިޒްބުﷲ އިން ތާއީދުކުރި ސުލައިމާން ފްރަންޖިއްޔަ އޭނާގެ ނަން އަނބުރާ ގެންގޮސް ޢައޫނަށް ތާއީދުކުރުމުންނެވެ. ގާނޫނުހަދާ މަޖިލީހުގައި ނެގުނު ވޯޓުގެ ދެވަނަ ބުރުގައި ޢައޫނަށް ވަނީ 99 ވޯޓު ލިބިފައެވެ.
ޢައޫނަކީ 2017 ވަނަ އަހަރުން ފެށިގެން ލުބްނާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާގެ މަޤާމު ފުރުއްވަމުން އައި ބޭފުޅެކެވެ. އޭނާގެ ވެރިކަމުގެ ދަށުން ލުބްނާނުގެ އަސްކަރިއްޔާއަށް އެމެރިކާގެ ފަރާތުން ގިނަ އެހީތަކެއް ލިބިފައިވެއެވެ.
ލުބްނާނަށް 2019 ވަނަ އަހަރު ދިމާވި އިޤުތިސާދީ ކާރިޘާއަށް ފަހު، ގައުމު އަލުން އާރާސްތުކުރުމަށް އަދިވެސް ވަނީ ބައިނަލްއަޤުވާމީ އެހީތެރިކަމަށް ބޮޑަށް ބޭނުންވެފައެވެ.









