ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިޔަސް ސިއްރުން ކައި އުޅޭ

އައިޝަތު އީމާން | 118 ދުވަސް ކުރިން - 10 ޖެނުއަރީ 2025 16:17
ޚުލާސާ

ޔުނިޓް 2 ގަ އާއި ޔުނިޓް 4 ގައި އުޅޭ ގައިދީންތަކުގެ ތެރެއިން ބައެއް ގައިދީން ކެއުމަށް ދެކޮޅު ހެދީ ސެކިއުރިޓީއަށް ގެނައި ބަދަލަކުން. ވިޔަފާރި އުސޫލުން ގަންނަ ތަކެތި ގޮޅިތެރެއަށް ވައްދައިގެން ކައިއުޅޭ.

މާފުށި ޖަލުގައި ނުކިޔަމަންތެރިކަން ދައްކަނީ ވަރަށް މަދު ގައިދީންތަކެއް ކަމަށާއި ޖަލުގެ ޙާލަތު ގޯސްވެ ސެކިއުރިޓީއަށް ބުރޫއަރާ އެއްވެސް ކަމެއް ނުހިނގާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

އެ ސާވިސްއިން ބުނީ އެންމެ ގިނަ ގައިދީން ތިބެނީ ޔުނިިޓް 9 ގައެވެ. އެ ޔުނިޓުގައި އެއްވެސް މައްސަލައެއް ދިމާނުވެއެވެ. ނަމަވެސް ޔުނިޓް 2 ގަ އާއި ޔުނިޓް 4 ގައި އުޅޭ ގައިދީންތަކުގެ ތެރެއިން ބައެއް ގައިދީން ބައެއްފަހަރު ޖަލު މެނޫ ކެއުމަށް ދެކޮޅު ހެދިޔަސް ވިޔަފާރި އުސޫލުން ގެންނަ ތަކެތި ގޮޅިއަށް ވައްދައިގެން ކައި ހަދައެވެ. މަދު ގައިދީއަކު ޖަލު މެނޫ އަށް ބައެއްފަހަރު އިދިކޮޅު ހެދީ ސެކިއުރިޓީއަށް ގެނައި ބަދަލަކުންނެވެ.

މުޢުތަބައްރު ގޮތަކަށް މަޢުލޫމާތު ލިބޭ ގޮތުގައި ޖަލުގައި ހާލަތު ގޯސް ކުރުމަށް މަސައްކަތް ކުރަނީ އޮފިސަރުންނާއި ގުޅިގެން ޖަލަށް މިހާރު މަސްތުވާ ތަކެއްޗާއި ފޯނު ނުވެއްދޭތީވެ، ކުރިން އެ ވިޔަފާރީގައި ޖަލުގައި އުޅުނު ގައިދީންނެވެ.

ގައިދީން ފަށާފައިވާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޮނިޓަރ ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމްއިން ބުނި ގޮތުގައި މި މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅައި މައުލޫމާތު ސާފުކޮށް، ގައިދީންނާ ވާހަކަދައްކައި ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބައެއް ގައިދީން ގަސްދުގައި ވެއްޓި ހޭނެތިގެން ކަމަށް ހެދިގެން މާލެ އައުމަށް މަސައްކަތް ކުރެއެވެ. މީގެ ކުރިން އެގޮތަށް މަކަރު ހަދައި މާލެ އައިސް މަސްތުވާ ތަކެތި ހިފައިގެން ޖަލަށް އެނބުރި ގޮސްފައިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް ކަރެކްޝަންސްގެ ރެކޯޑްތަކުން ދައްކައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%