ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން ރިޓަޔާކުރެއްވި އިބްރާހިމް މުހައްމަދުދީދީ (ޑީޑީ) އަށް ލިބެންޖެހޭ ފައިސާ އެއްފަހަރާ ދޭން ކަރެކްޝަންސްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ. 

އެ ކޯޓުން މިގޮތަށް އަމުރު ކުރީ، މިދިޔަ އަހަރު ރިޓަޔާކުރެއްވި އިބްރާހިމް މުހައްމަދުދީދީ އަށް ރިޓަޔާމަންޓް ފައިސާ އާއި އިނަޔާތްތައް ހަތަރު މަސް ދުވަސްވީ އިރު ނުދީގެންނެވެ.

އިބްރާހިމް މުހައްމަދުދީދީ ރިޓަޔާކުރެއްވިތާ ގާތްގަނޑަށް ފަސް މަސް ދުވަސްވާން ކައިރިވެފައިވާއިރު، ރިޓަޔާކުރުމާ ގުޅިގެން ލިބެން ޖެހޭ އެއްވެސް ފައިސާއެއް އަދި އިނާޔަތެއް ވެސް ނުލިބިގެން އެ ފައިސާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅުއްވީ މިދިޔަ މަހުގައެވެ. ވިހި އަހަރެއްހާ ދުވަހު ޖަލަށް ހިދުމަތް ކުރެއްވުމަށް ފަހު އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 26 ގައެވެ.

އެ މައްސަލާގައި އެދިފައިވަނީ ރިޓަޔާކުރުމުން ދޭންޖެހޭ ފައިސާ ހެލްތު އިންޝުއުރެންސް ހިމެނޭހެން ކޮމިޝަންްޑް އޮފިސަރުންނަށް ދޭންޖެހޭ އިނާޔަތްތައް މައްސަލަ ނިންމާތާ 14 ދުވަސްތެރޭ ދިނުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.