ދެކުނުގެ އަތޮޅުތަކަށް މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ފުޅާކުރުމުގެ ގޮތުން، އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އިން-ހައުސް ރީހެބިލިޓޭޝަން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ރޭވުމެއް ސަރުކާރުން އެކުލަވާލައިފިއެވެ. މިކަން ހާމަކުރެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން، ޕީއެންސީ ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި އިންތިޒާމުގެ ދަށުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާގެ ހިދުމަތް ފެށުމާއެކު، އެ ސެކްޝަން ނުވަތަ އެތަން ސެކިއުރިޓީގެ ގޮތުންނާއި އިދާރީގޮތުން ބަލަހައްޓަމުންދާނީ މޯލްޑިވްސް ކޮރެކްޝަނަލް ސާވިސްއިންނެވެ. މިއީ ފަރުވާ ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމާއި ނިޒާމުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިފަދަ ހިދުމަތެއް ހޮސްޕިޓަލް ފެންވަރުގައި ދޭން ފެށުމަކީ ސަރަހައްދީ ފެންވަރުގައި މަސްތުވާތަކެއްޗަށް ފަރުވާދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން އެޅޭ ވަރަށް އިސް ފިޔަވަޅެކެވެ. މީގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އަމިއްލަ ސަރަހައްދުން ފަރުވާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.