ސިގިރޭޓްގެ އަގު ބޮޑުވެއްޖެއެވެ. ދުންފަތުގެ ބާވަތްތަކާއި ދުންފަތާއި ވޭޕްގެ ނަމުގައި އެތެރެކުރާ ޒާތްޒާތުގެ ފްލޭވާތައް އެތެރެކުރުން ހުއްޓިއްޖެއެވެ. މިއީ ވަރަށް ގިނަ ބަޔަކު އެކަމާއިމެދު ހިތްހަމަނުޖެހި ތިބި ކަމެކެވެ. އެފަރާތްތަކުން ބުނަނީ މިއީ ރައްޔިތުންނަށް ކުރާ ޖެއްސުމެކެވެ.
ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު ތަފާތެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ދަތިކުރަން ނުވަތަ އުނދަގޫކުރުމަށް އެމަނިކުފާނު އެއްވެސް ކަމެއް ނުނިންމަވާ ކަމަށާއި، އެ މަނިކުފާނުގެ ނިޔަތް ވަރަށް ސާފުކަމަށެވެ. ސީދާ ވަކި ކަމެއް ވިދާޅު ނުވެ މިދިޔަ ހަފްތާގައި ހުވަދު އަތޮޅަށް ކުރެއްވި ޒިޔާރަތުގައި ގދ. ވާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ ހިތް ވަރަށް ސާފު ކަމަށެވެ.

ގދ. ވާދޫގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ތެރޭގައި ހުރި އެކިއެކި ވަބާތަކުން ޤައުމު ސަލާމަތް ކުރުމަށް، އަޅުގަނޑުމެންގެ ތެރޭގައި އަަށަގަނެފައި ހުރި، މޫލާފައި ދެވިހިފާފައި ހުރި ބައެއް އާދަތަކުން ހިތްވަރު ލާފައި ސަލާމަތްކޮށްދިނުމުގެ ނިޔަތުގައި ކުރާ ކަންކަން މިއީ،"
ކޮންމެޔަކަސް، ރައީސް މުޢިއްޒުގެ އެންމެ މުހިންމު އެއް ނިޔަތަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމެވެ. ޤައުމުގެ ތަރައްޤީއަށެވެ. ޤައުމުގެ މުސްތަޤްބަލަށެވެ. މިކަން ކުރެވޭނީ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމާއެކު ރަށްރަށުގެ ބޭނުންތައް ފުއްދައިދީގެން ކަމަށް ގިނަ ބަޔަކު އިއްތިފާޤު ވެއެވެ.
މިފަހަރު ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ފުލުފުލުގައި ވަޢުދުވެވަޑައިގެންނެވި ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ ވާހަކަތައް ދެއްކެވީ ވެސް އެހެންވެ ތޯއެވެ؟ އެ ނިޔަތުގައި ތޯއެވެ؟ ހަމަ ޙަޤީޤަތުގައި ވެސް އެކަންތައްތައް ކޮށްދިނުމަށް އެމަނިކުފާނުގެ ޟަމީރު ބޭނުންފުޅުވާތީ ހެއްޔެވެ؟

ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ގއ. ދެއްވަދޫ މުޝްތަރީގޭ މުޙައްމަދު ޒާހިރު (މ) ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު (ވ) ވެ ވަޑައިގެންނެވި ވަޢުދުފުޅު ތަކަކީ ބިޔަ ބޮޑެތި ކަންތައް ކަމަށާއި، އެއީ ކޮށްދޭން ބޭނުންފުޅުވާތީވެ، ވެ ވަޑައިގެންނެވި ވަޢުދުފުޅުތަކެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
"އަޅުގަނޑަށް ފެނިއްޖެ ވަރަށް ގިނަ ވެރިކަންތައް. ތަފާތު 5 ރައީސުން ފެނި އެ ވެރިކަންތައް ތަޖުރިބާ ކުރެވިއްޖެ. ރައީސުންގެ ތަފާތު ވެސް ފެނިއްޖެ. އަޅުގަނޑަށް ފެނުނު ތަނުގައި ޑރ މުޙައްމަދު މުޢިއްޒަކީ އިޚްލާޞްތެރި، ތެދުވެރި، ޤައުމަށާއި ރައްޔިތުންނަށް ވަފާތެރި ވާނެ އަދި ވަޢުދުފުޅުތައް ފުއްދަވާނެ ރައީސެއް. އެކަމުގެ ކުލަވަރު އެބަ ފެނޭ. އެ ޔަޤީންކަން އެބައޮތް. ރައީސް ޑރ. މުޢިއްޒުގެ އެންމެ މާތް އެއް ސިފައަކީ ތެދުބަހުން ވާހަކަފުޅު ދައްކަވައި، ރައްޔިތުންނާއި އޯގާތެރިކަމާއިއެކު މުޢާމަލާތްކުރުން…" މުޙައްމަދު ޒާހިރު، ގއ. ދެއްވަދޫ.

ރައީސުލްޖުމްހޫރިއްޔާ ކޮންމެ ރަށަކަށް ވަޑައިގެން ވެސް ރައްޔިތުންނަށް ދެއްވަނީ އުންމީދެވެ.
ފިޔޯރީގައި 3000 ޓަނުގެ މަސް ފެކްޓަރީއެއް!
- ގދ. ފިޔޯރީގައި ޤާއިމް ކުރާނެ ކަމަށް ވަޢުދުވެވަޑައިގެންނެވީ 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް.
- ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދު ކުރެވޭނެ.
- 100 ޓަނުގެ ފިޝްމީލް ޕްލާންޓެއް.
- 50 ޓަނުގެ އައިސް ޕްލާންޓެއް،
ދަތުރުފުޅުގައި 9 ރަށަކަށް ވަޑައިގެން، އެ ރަށްތަކުގެ ރައްޔިތުން ހުށަހެޅި ކަންތައްތަކަށް އިޖާބަދެއްވައި، އެ ކަންކަން ފުއްދައިދެއްވުމަށް ވަޢުދުވެވަޑައިގަތުމަކީ ރައީސްގެ އަމިއްލަ ޟަމީރު ބޭނުންފުޅުވާ ކަމެއްކަން ސާފުވެއެވެ. ރައީސްގެ ވަޢުދުތަކަކީ އިޚްލާޞްތެރި ނިޔަތެއްގެ މައްޗަށް ބިނާވެފައިވާ ވަޢުދުތަކެކެވެ.
މަޑަވެލި-ހޯނޑެއްދޫ:
މަޑަވެލީ ރައްޔިތުންނަށް ވެސް އުންމީދު ދެއްވިއިރު، ރައީސް ވިދާޅުވީ މިއަހަރު ހޯނޑެއްދޫގެ މަގުހެދުމުގެ މަޝްރޫއު ފައްޓަވާނެކަމަށާއި ރަށްގިރުމުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ. މީގެ އިތުރުން، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ހިންގުމާއި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ވެސް މިއަހަރު ހޯނޑެއްދޫގައި ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރަތަފަންދޫގައި ޒަމާނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް މިއަހަރު އަޅަން ވަޢުދެއް ނުވޭ
ފަހަރެއްގައިވެސް ރަތަފަންދޫގައި ޒަމާނީ ކުނި މެނޭޖްކުރާ ސެންޓަރެއް އަޅާނެ ވާހަކަ ރައީސް ވިދާޅެއް ނުވެއެވެ.
ނަމަވެސް، ޒުވާނުންނަށް ޔޫތު ސެންޓަރެއް، އިންޑޯ ވޮލީ ކޯޓެއް އަދި ޖިމެއް ޤާއިމުކުރުމަށާއި، ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކުރުމާއިއެކު، ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އެޅުމާއި، ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު އަލުން ފެށުމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި ބެހޭގޮތުން ވިދާޅުވީ އެކަމާއި ބެހޭގޮތުން އަދި ދަނީ މަޝްވަރާ ކުރެވެމުން ކަމަށާއި، އެހެންކަމުން މިއަހަރު ރަތަފަންދޫގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް އަޅައިދެވޭނެއޭ ބުނަން ދަތި ކަމަށެވެ.

ރަތަފަންދޫއަށް ރައީސް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބަނދަރުމަތީގައި ތައްޔާރުވެގެން - ރަތަފަންދޫގެ ބަނދަރަކީ ރާއްޖޭގައި އެންމެ ޙާލަތު ދެރަ އެއް ބަނދަރު ކަމަށާއި ބަނދަރުގެ މައްސަލަ ޙައްލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި.
ވާދޫ:
ރައީސް ވިދާޅުވީ މި މަހު ތަންފީޛު ކުރަން ފަށާ ބަޖެޓުގެ ތެރެއިން، ވާދޫގައި ހަދަން ޖެހޭ މައި މަގުތައް ހަދައިދެއްވާނެ ކަމަށެވެ.
އެރަށު ސިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކުނި މެނޭޖުކުރުމާއި ޒުވާނުންނާއި ކުޅިވަރާއި ގުޅޭ ގޮތުން ވެސް ވާދޫ އަށް ބޭނުންވެފައިވާ ކަންތައްތައް ފަހިކޮށްދެއްވައި 2 އަހަރުތެރޭގައި މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގދ. ވާދޫ އަށް ރައީސް ޑރ. މުޢިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެރަށުގެ މަގުތަކަށް ރައްޔިތުން ނުކުމެ.
ކަނޑުހުޅުދޫ
ކަނޑުހުޅުދޫ ބަނދަރު ބޮޑުކޮށް، އެރަށު ސްކޫލް ހޯލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކަނޑުހުޅުދޫގައި އަންނަ އަހަރު ބިން ހިއްކައި އެއަށްފަހު، ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ވެސް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބިން އިތުރުކޮށްގެން އިތުރަށް ހައުސިން ޔުނިޓް ވެސް އެޅޭނީ. މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ޤަބޫލެއް ނުކުރެވޭ. އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނެ. ހިއްކާ ނިމުނީމަ އަންނަ އަހަރު ނޫނީ ޖެހިގެން އަންނަ އަހަރު ރޯ ހައުސް މަޝްރޫޢެއް ކުރިއަށް ގެންދެވޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ
ނިލަންދޫ، މާމެންދޫ:
މާމެންދޫގައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ސިއްޙީ މަރުކަޒުގެ ވަސީލަތްތައް ފުރިހަމަކުރުމާއި، ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އިތުރުކުރުމާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ބަނދަރުގެ ޖާގަ އިތުރުކުރުން ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވި.

ދެއްވަދޫ:
ދެއްވަދޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ސްކޫލަށް މަލްޓިޕާޕަސް ހޯލެއް ހަމަޖައްސައިދިނުމާއި، ވޮލީ ކޯޓަކާއި، ދަނޑުގައި ޓާފް އެޅުމާއި، އައުޓްޑޯ ޖިމަކާއި، ސީ-އެމްބިއުލެންސްގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ސިޓީ ހޮޓަލްގެ މަސައްކަތް ކުރިއަށް ގެންގޮސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ އަނެއް މުހިންމު ނިޔަތަކީ ޤައުމީ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމެވެ. ރަށްރަށުގެ ކުރީގެ ވެރިންނަށް ޤަދަރުކުރައްވައި، އިސްސަފުން ޖާގަދެއްވުމަކީ މި ނިޔަތުގެ ހެއްކެކެވެ. އަދި މި ޚިދުމަތްތެރިންގެ މަޝްވަރާ ހޯއްދެވުމަކީ ރައީސްގެ ނިޔަތުގައި ހިމެނޭ މުހިންމު ކަމެކެވެ.
ރައީސް މުޢިއްޒުގެ ދަތުރުފުޅުގައި ބައްދަލުކުރެއްވި ކުރީގެ ޚިދުމަތްތެރިން:
1. ގދ. ފިޔޯރީ: މުޙައްމަދު ސަޢީދު (ކުރީގެ ކަތީބު އަދި ސްކޫލް ހެޑްމާސްޓަރު)
2. ގދ. ފިޔޯރީ: އަޙްމަދު ދީދީ (ކުރީގެ ކުޑަ ކަތީބު)
3. ގދ. ފިޔޯރީ: ޢަލީ ފަހުމީ (ކުރީގެ އަތޮޅުވެރިޔާގެ އެހީތެރިޔާ)
4. ގދ. ވާދޫ: ޖަލީލް (35 އަހަރު ވަންދެން ކެޔޮޅުކަން ކުރެއްވި)
5. ގދ. ވާދޫ: މުޙައްމަދު ޢަލީ (ކުރީގެ ކަތީބު)
6. ގދ. ވާދޫ: މުޙައްމަދު ޢަލީ (36 އަހަރު ދިފާޢީ ބާރުގައި ޚިދުމަތްކުރެއްވި)
7. ގދ. ރަތަފަންދޫ: ޢަބްދުއްރަޝީދު (ދުވަސްވީ މުދިމް)
8. ގދ. ރަތަފަންދޫ: ޢަލީ އިބްރާހީމް (ވިޔަފާރިވެރިއެއް އަދި ރަށުގެ ޤަދަރުވެރިއެއް)
9. ގއ. ކަނޑުހުޅުދޫ: އަފީފް މުޙައްމަދު (ދުވަސްވީ މަސްވެރިއެއް އަދި އޮޑިވެރިއެއް)
10. ގއ. ކަނޑުހުޅުދޫ: މުޙައްމަދު ދީދީ (ކުރީގެ ކަތީބު)
11. ގއ. ނިލަންދޫ: އަންވަރު މުޙައްމަދު (55 އަހަރު މުދިންކަމާއި ކަށުކަމާކެމީގެ ކަންކަމުގައި ކަމުގައި ޚިދުމަތްކުރެއްވި)
12. ގއ. ނިލަންދޫ: ޖަމީލާ އަޙްމަދު (55 އަހަރު ޤުރުއާން ކިޔަވައިދެއްވުމާއި ދަނޑުވެރިކަމުގައި ޚިދުމަތްކުރެއްވި)
13. ގއ. ދެއްވަދޫ: ޢަބްދުﷲ ޖަމީލް (40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރެއްވި ކުރީގެ ކުޑަކަތީބު)
14. ގއ. ދެއްވަދޫ: މުޙައްމަދު ޒާހިރު (40 އަހަރަށްވުރެ ުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރެއްވި ކުރީގެ އޮފީސް އޮޕަރޭޓަރު)
މި ޚިދުމަތްތެރިންނާއި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ އެ ބޭފުޅުންގެ އަގުވަޒަންކުރުމާއި، އެ ބޭފުޅުންގެ މުއްސަނދި ތަޖުރިބާއާއި ބޭނުންވެއްޖެ ހިނދެއްގައި ޙިކުމަތްތެރި ލަފާ ހޯއްދެވުމެވެ. ރައީސް މުޢިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި މި ޚިދުމަތްތެރިންނަކީ ރަށްރަށުގެ ތަރައްޤީގެ ފަހަތުގައި ތިއްބެވި އަސްލު ބަޠަލުންނެވެ.

ހުވަދު އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ގދ. ވާދޫގެ ކުރީގެ ޚިދުމަތްތެރިއަކާއި ސަލާމް ކުރައްވަނީ - އެމަނިކުފާނާއި އެއް ސަފަކުން ކުރީގެ ޚިދުމަތްތެރީންނަށް ވަނީ ޖަލްސާ ތަކުގައި ޖާގަ ދެއްވާފައި. މިއީ މީގެ ކުރިން އެއްވެސް ވެރިކަމެއްގައި ނުފެންނަ ހިތްހެޔޮ މަންޒަރެއް.
ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތްއިރު ޤައުމުގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ޢުމްރާނީ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގޭނެ ގޮތެއް ނެތެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަ އަހަރަށް ލައިގަތުމާއެކު ހެޔޮވަރުގެ ބަޖެޓެއް ކަނޑައެޅީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގެ ހެޔޮ ނިޔަތުގައެވެ. އެރަށްތައް ތަރައްޤީ ކުރުމުގެ ނިޔަތުގައެވެ.
ޚުލާސާކޮށް ބުނާނަމަ ރައީސް މުޢިއްޒުގެ ބަސްމަގާއި ޢަމަލުފުޅުތަކުން ފެނި ޔަޤީންވަނީ އެމަނިކުފާނުގެ ހިތްޕުޅުގެ ސާފުކަމާއި، ރައްޔިތުންނަށް އިޚްލާޞްތެރިވުމުގެ ނިޔަތެވެ.



