ރާއްޖޭގައި ޓެކްސީ ޚިދުމަތް ދެމުންދާ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ މުޅިން އައު އެޕްލިކޭޝަން ހަވާ އެރުވުމާއި، ހުރިހާ އެންމެނަށް ބައިވެރިވެވޭ ގިނަ ޙަރަކާތްތަކާއެކު ހުކުރު ދުވަހު ރަސްމީކޮށް ލޯންޗް ކުރުމަށް ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ އިތުބާރު ބޮޑު "ޓެކްސީ އެޕް" ގެ އައު އެޕްލިކޭޝަން ރަސްމީކޮށް ލޯންޗުކުރުން އޮތީ މިއަންނަ ހުކުރު ދުވަހު ރޭގަނޑު 8:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އަވަސް ރައިޑްގެ މާކެޓިންގ ޓީމުން ބުނީ، މި ހަފްލާގައި ހަވާ އެރުވުމުގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. "އަޅުގަނޑުމެން މި އެޕް ލޯންޗް ކުރުމުގެ އުފަލުގައި ވަރަށް ކުލަގަދަ ހަފްލާއެއް ބޭއްވުމަށް ވަނީ ނިންމާފައި. ރޭގަނޑު ހަވާ އެރުވުމުގެ އިތުރުން، އެކި އުމުރުފުރާތަކަށް ޚާއްޞަ ކުޅިވަރު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނަން،"
ހަފްލާގެ ކުރިން، ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 7:00 އަށް ކުޑަކުދިންނަށް ޚާއްޞަ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ރޮބޯމޭންގެ ޚާއްޞަ ޝޯއެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް އަވަސް ރައިޑްގެ އިވެންޓް މެނޭޖަރ ވިދާޅުވިއެވެ.
"ކުޑަކުދިންނަށް ޚާއްޞަ މި ހަވީރުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް ޕްލޭސްޓޭޝަން 5 އެއް އިނާމުގެ ގޮތުގައި ދޭން ވެސް ވަނީ ހަމަޖެހިފަ…. މިއީ ކުޑަކުދިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" އިވެންޓް މެނޭޖަރު ވިދާޅުވިއެވެ.
2019 ގައި މާލެ ސިޓީގައި ފެށުނު އަވަސް ރައިޑްގެ ޚިދުމަތް މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާވެފައެވެ. މިހާރު 3،000 އަށްވުރެ ގިނަ ވެހިކަލް އަވަސް އެޕް މެދުވެރިކޮށް ޚިދުމަތް ދެމުން ގެންދެއެވެ. އަވަސް އެޕުން ބުނި ގޮތުގައި، އައު އެޕް ތަޢާރަފްކުރުމާއެކު ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދަތުރުފަތުރުގެ ސިނާޢަތަށް އައު އިންގިލާބެއް ގެނައުން. މި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓެކްސީ ޚިދުމަތް ލިބި، ޑްރައިވަރުންނަށް ވެސް ފަސޭހައިން މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކުރެވިގެންދާނެ،" އަވަސް އެޕުން ބުންޏެވެ.






