މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެ ހިދުމަތުގެ ރަސްމީ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ.
އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް މިހާރު އާންމުންނަށް ބޭނުންކުރެވޭނެ ކަމަށެވެ. މި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި، http://mtl.mtcc.mv ލިންކް މެދުވެރިކޮށް ވެބްސައިޓަށް ވަދެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން ނިންމާލެވޭނެއެވެ. ވެބްސައިޓްގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުން ދަތުރުގެ ހުރިހާ އިންތިޒާމެއް ފުރިހަމަވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.


ވެބްސައިޓްގެ އިތުރުން، ފޯނުން ގުޅައިގެން ޓެކްސީ ބުކް ކުރަން ބޭނުންވާ ފަރާތްތަކަށް މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން އިސްނަގައިގެން ފެށި މި ޓެކްސީ ލައިނަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި އާ އިންތިޒާމާއެކު ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.








