ސަރުކާރުން ތައާރަފު ކޮށްފައިވާ "ޓެކްސީ ނަފާ" ލޯނު ސްކީމާއި ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަމަށް އެދެވޭ ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯދައިދެއްވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އާންމު ފަރާތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަޒީރަށް ފޮނުވި ސިޓީއަކަށް ޖަވާބު ދެއްވަމުންނެވެ.


މި ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ދަށުން، ދުވަސްވީ ޓެކްސީތައް އައު ކުރުމަށާއި، ޓެކްސީ ޚިދުމަތްދޭ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ހޯދައިދިނުމަށް ފަރުމާ ކޮށްފައިވާ ސްކީމެކެވެ. ނަމަވެސް، ލޯނު ދޫކުރާ އުސޫލު ތަކާއި، އިންޓްރެސްޓް ރޭޓް އަދި އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދުތަކާއި ގުޅޭ ގޮތުން ބައެއް ޑްރައިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިނިސްޓަރު ވިދާޅުވީ، ޑްރައިވަރުންގެ ޝަކުވާތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މި ސްކީމަކީ ޑްރައިވަރުންނަށް އޭގެ ފައިދާ ކުރާނެ ފަދަ ލުއި ސްކީމަކަށް ހެދުމަށް ޓަކައި، ލޯނު ދޫކުރާ މާލީ އިދާރާތަކާއި މަޝްވަރާ ކޮށްގެން އުސޫލު ތަކަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މި ސްކީމްގެ މައިގަނޑު ބޭނުމަކީ މާލޭގެ މަގުތަކުގައި ދުއްވާ ދުވަސްވީ ޓެކްސީތަކުގެ ބަދަލުގައި، ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ނުވަތަ ހައިބްރިޑް އުޅަނދުތަކަށް ބަދަލުވުމަށް ފުރުސަތު ދިނުމެވެ. މީގެ ސަބަބުން ޓެކްސީ ކުރާ ފަރާތްތަކަށް ތެލަށް ކުރާ ހޭދަ ކުޑަވެ، އާމްދަނީ އިތުރުވެގެން ދާނެއެވެ.
ޓެކްސީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން، ޑްރައިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލައި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދިނުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.








