މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އޭގެ ސްކްރީންޝޮޓްތައް ނަގައި ލީކުކޮށްލާފައިވަނީ އެ ކުންފުނީގެ މުވައްޒަފަކު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލެ ޓެކްސީ ލައިން އެޕްލިކޭޝަން ބޭރުގެ ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައްޔާއި އެކި ވަސީލަތްތަކުގައި ދައުރުވަމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށެވެ. އަދި އެ ކުންފުނިން ކުރިއަށްގެންދިޔަ އެތެރޭގެ ތަހުގީގުން، މި ނޭދެވޭ އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި އެ ކުންފުނީގެ މުވައްޒަފަކު ކަން ސާބިތުވެފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އެ ކުންފުނީގެ އައިޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަކުރެވުނު ވަގުތުން ފެށިގެން، ކަމާބެހޭ އޮޕަރޭޝަންސް ޓީމުގެ ސަމާލުކަމަށް އެކަން ގެނެސް، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެވުނެވެ. އަދި ރޭގެ 11:30 ހާއިރު ސާވަރ އަދި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ފުރިހަމަ ރައްކާތެރިކަމާއެކު ރިސްޓޯރ ކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެއިތުރުން، މި ހާދިސާއަކީ އެޕްލިކޭޝަންގެ ފަޔަރވޯލް ފޫއަޅުވާލައި ބޭރުން ދިން ހަމަލާއެއް (ހެކް ކުރުމެއް) ނޫންކަން ކަށަވަރުކޮށްދެމުން، އެމްޓީސީސީން ބުނީ މިހާރު އެޕްލިކޭޝަންގެ ޚިދުމަތް އާންމުންނަށް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާނެ ކަމަށެވެ. އަދި މި އަމަލު ހިންގި މުވައްޒަފު މިހާރު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށާއި، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އޭނާއާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
އެމްޓީސީސީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، މިފަދަ އަމަލުތަކުގެ އަސްލު ބޭނުމަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތުން ރައްޔިތުންގެ މެދުގައި ހޯދާފައިވާ ލޯތްބާއި އިތުބާރު އަދި ކުންފުނީގެ ރީތި ނަން ކިލަނބުކުރުން ކަމަށެވެ. އަދި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމަށް ބުނެ، ދިވެހި ސަރުކާރާއި ކަސްޓަމަރުން އަދި ވިޔަފާރީގެ ބައިވެރިން އެ ކުންފުންޏަށް ކުރަމުންދާ އިތުބާރަށް އެމްޓީސީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.









