އެމްޓީސީސީން ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ރިއަލް-ޓައިމްގައި ބެލެނޭ ގޮތް ހަމަޖައްސައިފިއެވެ.
އެމްޓީސީސީން ވަނީ އެކަމަށް ޚާއްސަ ވެބް ޕޭޖެއް ހަދާފައެވެ. އެ ވެބް ޕޭޖުގައި އެ ކުންފުނިން މިހާރު ހިންގަމުން އަންނަ ޕްރޮޖެކްޓްތަކާއި ހުއްޓިފައިވާ ޕްރޮޖެކްޓުތަކާއި ހަވާލުކޮށްފައިވާ އަދި މަސައްކަތް ނުފަށާ ހުރި ޕްރޮޖެކްޓްތަކުގެ ތަފްސީލު ވެސް ހިމަނާފައިވެއެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުން މި ވަގުތު އެ ކުންފުނިން، 61 ޕްރޮޖެކްޓެއް 17 އަތޮޅެއްގައި އަންނަނީ ހިންގަމުންނެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން މަސައްކަތް ނުފަށާ، 43 ޕްރޮޖެކްޓެއް އަދި އެބައޮތެވެ. އަދި މަސައްކަތް ހުއްޓިފައި އޮތް 48 ޕްރޮޖެކްޓެއް ވެސް އެބައޮތެވެ.
އެމްޓީސީސީން ބުނީ ރިއަލް-ޓައިމްގައި ފެންނަ އަޕްޑޭޓުތަކަށް ގޮސް، ވަކިވަކި ރަށްތަކުގެ މަޢުލޫމާތުތައް ވެސް ބަލާލެވޭނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްތައް ނިންމަން ކަނޑައަޅަފައިވާ ތާރީޚު ވެސް އެނގެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިގޮތަކަށް ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ބޭނުމަކީ، ވީހާ ވެސް ދެފުށް ފެންނަ ގޮތަށް އެ ކުންފުނީގެ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތުތައް އާންމުންނަށް ޙިއްސާކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ.









