މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށިތާ މިހާރު އެއް މަސް ވެފައިވާއިރު، މި މުއްދަތުގައި 52,642,458 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ. މިއީ 4,540 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާ ކަމަށް މިފްކޯއިން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިކަމުގެ ދާއިރާއިން ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދަކީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދިނުމެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ މި ވަޢުދު ފުއްދެވުމާ އެކުގައެވެ.
މިދިޔަ ޑިސެންބަރު މަހު ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ވަނީ ފަށާފައެވެ. މި ފައިސާ ދޫކުރަން ފެށިތާ މިހާރު އެއް މަސް ދުވަސް ވެފައިވާއިރު، ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް ދޫކުރާ ފައިސާގެ ތަފްސީލް މިފްކޯއިން ދަނީ އާންމުކުރަމުންނެވެ.
ފާއިތުވީ އެއް މަސްދުވަހަށް ބަލާއިރު، އެއް ދުވަސްތެރޭ އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިއަދުއެވެ. އެގޮތުން މިއަދު އެކަނިވެސް 4.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކިރާފައިވާ 403 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާ ކަމަށް މިފްކޯއިން ބުންޏެވެ.
މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އަދި މި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރި ޢާއިލާތަކުގެ އަބަދުވެސް އޮންނަ އެއް ކަންބޮޑުވުމަކީ ބާނާ މަހަށް ޤަވާއިދުން ފައިސާ ނުލިބުމެވެ. މަސްވެރިންނަށް ޤަވާއިދުން ފައިސާ ލިބުމުގެ ދަތިކަމާއެކު، މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅެފައިވާ ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމަށް ނިކުންނަ ދިވެހިންގެ ޢަދަދު ދިޔައީ ދަށްވަމުންނެވެ. ނަމަވެސް މިހާރު މި ގެނެވުނު ބަދަލާއެކު، މަސްވެރިންގެ މެދުގައި އުއްމީދު އާވެފައިވާކަން ފާހަގަކުރެވެއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، މަހުގެ އަގަށް ގެނެވުނު ބަދަލުތަކާއެކު، މިފްކޯއަށް އަހަރަކު 1.1 ބިލިއަން ރުފިޔާގެ ގެއްލުން ވަމުންދިޔަ ނަމަވެސް، މިހާރު އެ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދިމާވަމުންދިޔަ ދަތިތައް ޙައްލުވެގެން ގޮސްފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.









