އިސްރާއީލުގެ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 49 ފަލަސްތީނުން ޝަހީދު ވެއްޖެ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެއެވެ. މީގެ ތެރޭގައި "ރައްކާތެރި ސަރަޙައްދު" ކަމަށް ބުނާ އަލް-މަވާސީގައި ހުރި ޓެންޓުތަކަށް ދިން ހަމަލާތަކުގައި މަރުވި 5 ކުޑަކުދިން ހިމެނޭމކަމަށް އަލްޖަޒީރާއިން ރޭ ރިޕޯޓް ކޮށްފައި ވެއެވެ.
އެމެރިކާގެ އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާ މަޤާމާ ހަވާލުވުމުގެ ކުރިން ހަމާސްއިން ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލް މީހުން ދޫކޮށްލުމަށް އެދިފައެވެ. އަދި އެހެން ނުވެއްޖެނަމަ "ހުރިހާ ކަމެއް ގޯސްވާނެ" ކަމަށް އިންޒާރުދީފައިވެއެވެ.
ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ ވަނީ އިސްރާއީލު-ހިޒްބުއްލާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައިނަލްއަޤްވާމީ ސްޕޮންސަރުންނަށް އިސްރާއީލުން އެއްބަސްވުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ އިންޒާރުދީފައެވެ. މިއާއެކު ލުބުނާނުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލުގެ ބާރުތައް ފަހަތަށް ޖެހުނު ދެކުނުގެ ސަރަޙައްދުތަކަށް އަސްކަރީ ޔުނިޓުތައް ފޮނުވާފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މަދުވެގެން 45،885 ފަލަސްތީނުން މަރުވެ، 109،196 މީހުންނަށް އަނިޔާވެފައިވެއެވެ. އެ ދުވަހު ހަމާސްގެ އިސްނެގުމުގައި އިސްރާއީލަށް ދިން ހަމަލާތަކުގައި މަދުވެގެން 1،139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ބަންދުކުރެވުނެވެ.









