އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނަށް އަންނަ ރޯދަ މަހުން ފެށިގެން ރޯދަ އެލަވަންސް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ގދ. ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އ.ތ.މ ކުރާ ކޮމިޓީތަކަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް ހުށަހަޅަން ޖެހޭ އިސްލާޙު މަޖިލީހުގެ ދެން އަންނަ ދައުރު ހުޅުވޭ ފުރަތަމަ ހަފްތާގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށެވެ. އެއީ ވަޒީފާއާ ބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ ދެ އިސްލާޙު ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ އިސްލާޙުގެ ދަށުން މިހާރު އ.ތ.މ ކުރާ ކޮމިޓީގެ މެންބަރުންނަށް ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ދެވިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެލަވަންސްގެ ގޮތުގައި އޮންނާތީ މިހާތަނަށް އެ ފަރާތްތަކަށް ރޯދައިގެ އިނާޔަތް ވެސް ނުލިބޭ ކަމަށާއި، ބޭންކުތަކުން ލޯނު ނެގުމާއި ވިހެއުމުގެ ޗުއްޓީ ލިބުން ފަދަ އެއްވެސް ކަމެއް ފަހިވެފައި ނުވާކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި އ.ތ.މ ކޮމިޓީތަކާއެކު އެމަނިކުފާނު ބޭއްވެވި ބައްދަލުވުންތަކުގައި ހުރިހާ ކޮމިޓީތަކުން ވެސް އެދިވަޑައިގެންފައިވަނީ މި އިސްލާޙުތައް ގެނެސްދެއްވުމަށް ކަމަށެވެ.
"އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައި ޑަބްލިޔު.ޑީ.ސީ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭނެ. އަދި އެ އެލަވަންސަކީ މުސާރަ ލިބޭ އެހެން މުވައްޒަފުންނަށް އެ ލިބޭ ކަހަލަ މުސާރައެއްގެ ސްޓޭޓަސް، ޙައިސިއްޔަތު ލިބޭ އެއްޗަކަށް ބަދަލު ކުރެވޭނެ ޤާނޫނީ ގޮތުން. އެއްގޮތަކަށްވެސް ފުލް ޓައިމްކޮށް ވަޒީފާއަށް ނުކުންނަން ޖެހޭ ވާހަކައެއް ނޫން. ހަމަ މިހާރުވެސް މަސައްކަތް ކުރައްވާގޮތަށް ކުރައްވާނެ. އެކަމަކު މިދެންނެވި ބެނެފިޓްތައް ލިބޭ ގޮތް ހަދައިދޭނަމޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އަންހެން ކަނބަލުންނަކީ ރަށުގެ ތަރައްޤީއަށް ކޮންމެ ރަށެއްގައި ވެސް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވާއިރު، އެކަން ފާހަގަކޮށް، ސަރުކާރުގެ ފަރާތުން ދެވެން އޮތް އެއްބާރުލުން ދެއްވުން ކަމަށެވެ. އަދި މަތީ ފަންތީގެ ވަޒީފާތަކުގައި އަންހެނުންނަށް ޖާގަ ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ހުރިހާ ސަރުކާރުތަކާ އަޅާ ބަލާއިރު، މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި، އެހެނިހެން އިސް މަޤާމުތަކުގައި އަންހެން ބޭފުޅުން ގިނަވާނެ ކަމަށެވެ. އަދި މީގެ ކުރިން އަންހެން ބޭފުޅަކު ލީޑު ނުކުރާ މުއައްސަސާތަކުގައި މިހާރު ޤައުމީ ފެންވަރުގައި ވެސް އަންހެން ބޭފުޅުން ތިއްބަވާކަން ރައީސް ފާހަގަކުރެއްވިއެވެ.









