ކުރީގެ ޑިފެންސް ޗީފް އަޙްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލައިގައި ޝިޔާމަށް ދައުވާ ކުރެވިފައިވަނީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި ހުރި ވީއައިޕީ ގޭގައި ޝިޔާމްގެ ބައްޕަ ދިރިއުޅުނު ކަމަށް ތުހުމަތުކޮށެވެ. ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި އުޅުނީ ޝިޔާމްގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ޚިދުމަތްތައްވެސް ދިން ކަމަށެވެ.
ނަމަވެސް، މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ދައުލަތުން އުފުލި ދައުވާ ޝިޔާމަށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ. މިހެންވުމުން، ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ދައުލަތުގެ ތުހުމަތުގައިވާ ގޮތުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޑިފެންސް ޗީފަކަށް ހުންނެވި ޝިޔާމް، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް، އޭނާގެ ބައްޕަ ވީއައިޕީ ގެއެއްގައި ބަހައްޓައި، އެ މުއްދަތުގައި އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކޮށްފައިވެއެވެ.
މި މައްސަލައިގައި ކުރިން 2020 ވަނަ އަހަރު ޝިޔާމްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައިވަނީ އޭރު ހުންނެވި ޕީޖީގެ އެންގެވުމަކަށެވެ. އޭސީސީން ފުރަތަމަ ނިންމާފައިވަނީ ޝިޔާމާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.









