މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރައަށް ފަހު ބިމު އަޑިން ފެންގަނޑު އަދިވެސް ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް ފެން ހަރުލައިފައި ހުރުމުގެ ސަބަބުން ކަށްވަޅު ކޮނެ، ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ، މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިގޮތަށް ދިމާވުމުން މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމު ހަމަޖެހިފައި ވަނީ މާލޭ އާސަހަރާ މިސްކިތުގައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ވިއްސާރަ ދުވަސްވަރު ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅުލަން ދަތިވާ މައްސަލަ މިހާރު ވަރަށް ބޮޑެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ހަމަ މި މައްސަލަ ދިމާވެގެން އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލި އެވެ.









