ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް މުޑިއަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުން، އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް އޭނާއަށް ވީ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، ކާރުގެ ފަހަތު ސީޓުގައި އިން މީހަކަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވާ ކަމަށާއި، އޭނާއަށް އެއާޕޯޓު ކްލިނިކުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާއަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި އެކްސިޑެންޓުގެ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސިޑެންޓު ހިނގާފައިވަނީ ޕިކަޕުގެ ފަހަތުން ދުއްވަމުން ދިޔަ ކާރު މަޑުނުވެ ގޮސް ޕިކަޕުގައި ޖެހި މުޑިއަރައިގެންނެވެ. ކާރު ޕިކަޕުގައި ޖެހުނު ބާރުމިނުގެ ސަބަބުން، ކާރުގެ ވިންޑްސްކްރީން ހަމައަށް ޕިކަޕުގެ ދަށަށް ވަދެފައިވާތަން ވީޑިއޯ ފުޓޭޖުން ފެނެއެވެ.
ފުލުހުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.









