އިންޑިޔާގެ މެދުތެރޭގައި އޮންނަ ޗަތިސްގަރު ސްޓޭޓުގައި ހިނގި ނުރައްކާތެރި ބޮމުގެ ޙަމަލާއެއްގައި 7 ފުލުހުންނާއި އާންމު ރައްޔިތެއް މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ޗަތިސްގަރުގެ ބިޖަޕޫރު ޑިސްޓްރިކްޓުގައެވެ.
މި ހަމަލާ ދީފައިވަނީ މައޮއިސްޓް ހަނގުރާމަވެރި ޖަމާޢަތުންނެވެ. މި ޖަމާޢަތަކީ އިންޑިޔާގެ ފަޤީރު ދަނޑުވެރިންނާއި ލޭބަރުންނަށް އެ މީހުންގެ ބިމުގެ މައްޗަށް ފުރިހަމަ ބާރު ހޯދައިދިނުމުގެ ނަމުގައި މަސައްކަތްކުރާ ޖަމާޢަތެކެވެ. އެ މީހުންގެ ޢަމަލުތައް ބިނާވެފައިވަނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެދޮންގގެ ފިކުރުގެ މައްޗަށެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، ހަމަލާ ދީފައިވަނީ ދުއްވަމުންދިޔަ ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށެވެ. މި ހާދިސާގައި އުޅަނދުގެ ޑްރައިވަރާއި އޭގައި ތިބި ފުލުހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން އާންމު ރައްޔިތަކުވެސް މި ހާދިސާގައި މަރުވެފައިވެއެވެ.
ޗަތިސްގަރާއި އޭގެ އަވަށްޓެރި ސްޓޭޓުތަކަކީ މައޮއިސްޓުން ދޭތެރެދޭތެރެއިން ހަމަލާ ދެމުންދާ ސަރަޙައްދުތަކެކެވެ. ފާއިތުވި މަސްތަކުގައި ސަލާމަތީ ބާރުތަކާއި މައޮއިސްޓުންނާ ދެމެދު ގިނަ ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ. މި ހަމަލާތަކުގައި މައޮއިސްޓުންގެ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން ވަނީ މަރުވެފައެވެ.









