މިރޭ ރިޔާޟްގެ އަލްއައްވަލް ޕާކް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ސުޕަކޮޕާ އިޓަލީނާ (އިޓާލިއަން ސުޕަކަޕް) ފައިނަލުގައި އިންޓަމިލާނުން ދެ ގޯލު ޖަހައިފައި ވަނިކޮށް ފަހަތުން އަރައި 3 ގޯލް ޖަހައި އޭސީ މިލާނުން ތަށި ނަގައިފިއެވެ.
އާ ކޯޗު ސާޖިއޯ ކޮންސެސާއޯގެ އިރުޝާދުގެ ދަށުން މިއީ އޭސީ މިލާން ހޯދި ފުރަތަމަ ތަށްޓެވެ. މީގެ ކުރިން މިލާނުން މިތަށި ނެގީ މީގެ 8 އަހަރު ކުރިން ޕެނަލްޓީގައި ޔުވެންޓަސް ބަލިކޮށްގެންނެވެ.
މިފަހަރު ތަށި މިނެގީ އަޖައިބު ކުރަނިވި ގޮތަކަށް، އިންޓައިން ދެ ގޯލު ޖަހައިފައި ވަނިކޮށް ފަހަތުން އަރައި 3 ގޯލު ޖަހައިގެންނެވެ. 3 ވަނަ ގޯލު ޓަމީ އަބްރަހަމް ޖަހައިފައިވަނީ އިތުރު ވަގުރުގައެވެ.
ލައުޓާރޯ މާޓިނޭޒް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ (ވ)
އިންޓަ އިން ވަރުގަދަކޮށް ފެށިއިރު، ފުރަތަމަ ހާފް ނިމުމުގެ ކުޑައިރުކޮޅެއް ކުރިން އިތުރު ވަގުތުގައި ލައުޓާރޯ މާޓިނޭޒް ވަނީ ގޯލު ޖަހައިފައެވެ. މިއީ މި މުބާރާތުގެ އޭނާގެ ހަތަރު ވަނަ ލަނޑެވެ. ޕައުލޯ ޑިބާލާގެ ރެކޯޑާ އެއްވަރެވެ. ދެވަނަ ހާފު ފެށުމާއެކު 47 ވަނަ މިނެޓުގައި މެހްދީ ޓަރޭމީ ވަނީ ޖެހިޖެހިގެން 4 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރަން ނިކުތް އިންޓަމިލާންގެ ލީޑު ފުޅާކޮށްށްފައެވެ.
ދެވަނަ ހާފުގައި އޭސީ މިލާނުން އެޓޭކް ވަރުގަދަ ކުރިއެވެ. މިގޮތުން 52 ވަނަ މިނެޓުގައި ލިއޯއަށް ލިބުނު ހިލޭ ޖެހުމަކުން ތެއޯ ހަނާންޑޭޒް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލާނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 73 ވަނަ މިނެޓުގައި ހަނާންޑޭޒް އަށް ސެޓްކޮށްދިން ހުރަހެއް ކްރިސްޓިއަން ޕުލިސިޗް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.
މެޗުގެ 93 ވަނަ މިނެޓުގައި އޭސީ މިލާނުން ތަށި ޔަގީންކުރީ ކުރިން ވެސް ފާހަގަކުރިހެން އަބްރަހަމް ޖަހައިދިން ގޯލުންނެވެ. މި ތަށްޓައެކު މި ދެ ޓީމަށް ވެސް ވަނީ 8 ފަހަރު ތަށި ލިބިފައެވެ.
އޭސީ މިލާނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ