ރާއްޖޭގައި ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަން އިތުރަށް ފުޅާކޮށް، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖޭގައި އުދުހެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200 އިފްތިތާޙުކުރުމުގެ ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި، މި އޮޕަރޭޝަންތައް ފެށުމާއެކު ޤައުމީ އެއާލައިން މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވެ، ދިވެހި އިޤްތިޞާދު ފުޅާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ރައީސް ވިދާޅުވީ މި އަހަރަކީ އައިލެންޑް އޭވިއޭޝަނާއި އެމް.އޭ.ސީ.އެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ އަހަރެއް ކަމަށެވެ. އަދި ކުރިއަށް އޮތީ ތަރައްޤީގެ ދުވަސްތައް ކަމަށާއި، މި އަހަރު ރައްޔިތުންނަށް ފެނިގެންދާނީ އިޤްތިޞާދީ، އިޖުތިމާޢީ، އަދި ޢުމްރާނީ ގޮތުންވެސް ތަރައްޤީގެ ޢަމަލީ މަންޒަރުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ތަޢާރަފްކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ކެމްޕެއިންގެ ވަޢުދެކެވެ. މި ނިންމުން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމެވީ 17 ޑިސެންބަރު 2023 ގައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން "މޯލްޑިވިއަން" އިން ސީދާ ދަތުރުތައް ފެށުމެވެ.









