ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ވިޔަފާރިކުރުމުގައި އުޅުނު ސީރިއާ އަދި ޖޯޑަން މީހަކު ޑީޕޯޓްކުރަން ނިންމައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލަ ބެލީ އެ އިދާރާއަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ކަމަށެވެ. ހިފަހައްޓާފައި ވަނީ ސީރިއާގެ 19 އަހަރުގެ އަންހެނަކާއި ޖޯޑަންގެ 24 އަހަރުގެ ފިރިހެނެއް ކަމަށް ބުންޏެވެ.
އެ މީހުން ރާއްޖެ އައި ދުވަހެއް އިމިގްރޭޝަނުން އަދި ނުބުނެ އެވެ.
ނަމަވެސް، އެ ދެމީހުންނަކީ ޓޫރިސްޓު ވިސާއާ ހިލާފުވެ، ރާއްޖޭގައި ވިޔަފާރިކުރުމަށް އުޅުނު ދެމީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ މިގޮތަށް ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް އެ އިދާރާއަށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.
އިމިގްރޭޝަނުން ކުރިން ވެސް ވަނީ ވިސާއާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައިފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި، 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑީޕޯޓްކޮށްފައިވެ އެވެ.









