ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން 4 ޓަވަރުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީން މަޢުލޫމާތު ދިންތުގައި، ކޭޕީއެލްއިން ތަރައްޤީކުރަމުންދާ "އަމާން އުދަރެސް" ގެ 16 ޓަވަރުގެ ތެރެއިން 11، 12، 13، އަދި 14 ވަނަ ޓަވަރުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ނިންމާލެވޭނެއެވެ. އަދި މި 4 ޓަވަރުގައި މާރިޗު މަހުގެ ތެރޭގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ޤާއިމުކޮށް، ދިރިއުޅެވޭ ފެންވަރަށް ތައްޔާރު ކުރެވޭނެ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރު ތަރައްޤީކުރަމުންދާއިރު، ބާކީ ހުރި ޓަވަރުތަކުގެ މަސައްކަތްވެސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެފްޑީސީން ހާމަކުރިއެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ފްލެޓްތަކުގައި 3 ކޮޓަރިއާއި 2 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ.
ގެދޮރުވެރިޔާ މަޝްރޫޢަކީ މާލެ ސަރަޙައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ނިމިދިޔަ ސަރުކާރުގެ ދައުރުގައި ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި 20،607 މީހުން ކުރިމަތިލާފައިވާއިރު، 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅިގެން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވެއެވެ. މިކަމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަޙުޤީޤެއް ކުރިއަށް ގެންދަމުންނެވެ.
ފްލެޓް ލިސްޓުގެ މައްސަލަ މިހެން އޮތްނަމަވެސް، ފްލެޓްތަކުގެ މަސައްކަތް ނިންމައި، މީހުން ދިރިއުޅެން ފެށުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.









