ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކ.ގުޅިއަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުމަށް ގިނަ ޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ޖަމާވެފައިވާކަން ފާހަގަކުރެވެއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ގުޅީގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ހަމަޖައްސަވާފައެވެ. މީގެ އިތުރުން، ރަށުގެ އާންމު ރައްޔިތުންނާއިވެސް ބައްދަލުކުރައްވައި، އެ ރަށާއި މެދު ރައީސް ގެންގުޅުއްވާ ތަޞައްވުރު ޙިއްޞާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ
ރައީސް އޮފީހުން އިތުރަށް ހާމަކުރިގޮތުގައި، މިހާތަނަށް ރައީސް ވަނީ 185 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައިއެވެ.









