ހުޅުމާލޭ 2 ގައި ފުލުހުންގެ ކާރަކާއި އާންމުންގެ މީހެއްގެ ސައިކަލެއް ޖެހި މިދިޔަ މަހު 27 ގައި ހިނގި އެކްސިޑެންޓުގެ މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުންގެ އިއުލާނުގައި ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 1:45 ހާއިރު ހުޅުމާލެ 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށް މީހަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް މީހަކު ހުރި ނަމަ، ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެ އިއުލާނުގައި ބުންޏެވެ.
އެ އެކްސިޑެންޓުގައި ވަނީ ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އޭނާއަށް އަދިވެސް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.
އެ އެކްސިޑެންޓު ހިނގި ފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެކްސިޑެންޓުވީ ހުޅުމާލެ 2 ގެ ގުލްއަލާމަގުން އިރުން ހުޅަނގަށް، ނިރޮޅުމަގު ހުރަސްކުރަން އުޅުނު ފުލުހުންގެ ކާރެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ ބަޔާނުގައި ބުނީ ސައިކަލު ދުއްވި ޒުވާނާއަކީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ހިލާފުވެގެން، އެ އެކްސިޑެންޓު ހިނގުމުގެ ހަފުތާއެއް ކުރިން ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގުމުގައި ޕޮލިސް ކާރު ދުއްވި އޮފިސަރުގެ އިހުމާލެއް އޮތްތޯ ވެސް ބަލާނެ ކަމަށެވެ.









