ވޭތުވެދިޔަ އަހަރު 21 ރަށަކަށް ފެނުގެ ޚިދުމަތާއި 4 ރަށަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މީގެ އިތުރުން، ބައެއް ރަށްރަށުގައި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދާފައިވާ 360 ހައުސިންގ ޔުނިޓަކަށް ވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ފެނަކައިން ވަނީ އަލަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ. އަދި މީގެ ކުރިން ބިލް ނުކޮށް ޚިދުމަތް ދެމުންދިޔަ 22 ރަށެއްގައި 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އަލަށް ބިލްކުރަން ފަށައި، ފެނުގެ ޚިދުމަތް ހުރިހާ ރަށެއްގައި އެއްހަމަ ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން މިހާރު އަތޮޅުތެރޭގެ 107 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާއިރު، 92 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ދެމުން ގެންދަނީ ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ.
ފެނަކައިން އިތުރަށް ހާމަކުރި ގޮތުގައި، އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކުންފުނިން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަކީ ލަސްކަމެއް އަދި ހުއްޓުމެއް އައިސްގެންވާނެ ޚިދުމަތްތަކެއް ކަމަށް ނުވާތީ، ޚިދުމަތް މެދުކެނޑުނަ ނުދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެމުން ގެންދާ ކަމަށް ބުނެފައިވެއެވެ.









