ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކާއި އިންޑިއާގެ ބަޔަކާއި ގުޅިގެން މަސައްކަތް ކުރި ކަމަށް ބުނެ ބޭރުގެ ނޫހަކުން ކުރި ރިޕޯޓުގައި ހިމަނާފައިވަނީ ހިޔާލީ ތާކުންތާކު ނެޖޭހޭ ވާހަކަތަކެއް ކަމަށް އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެމެރިކާގެ މަޝްހޫރު ނޫސް ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް މުޢިއްޒުގެ ވެރިކަން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އެމަނިކުފާނު އަޒުލު ކުރުމަށް އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ "ރޯ" ގެ އެހީތެރިކަން އިދިކޮޅު ފަރާތްތަކުން ހޯދި ކަމަށެވެ. މި ރިޕޯޓާއި ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދީން ޖެއިސްވާލް ވިދާޅުވީ، "މި ރިޕޯޓުގައި ވަނީ ހިޔާލީ ވާހަކަތަކެއް. އަދި ލިޔުން ބިނާކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްގެ މައްޗަށް" ކަމަށެވެ. އަދި މިއީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ދެކޮޅުވެރިކަން އުފެއްދުމަށް ލިޔެފައިވާ ރިޕޯޓެއް ކަމަށް ވެސް އޭނާ ވިދާޅުރ57ވިއެވެ.
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވަނީ، ވެރިކަން ވައްޓާލުމަށް އެމްޑީޕީ ނުވަތަ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގައި ސީދާ އިންޑިއާ ސަރުކާރުގެ ބައިވެރިވުމެއް އޮތްކަން ނުވަތަ ނޫންކަން ޔަގީން ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީން "ރޯ" އާ އެކު ކުރި މަޝްވަރާތަކަށްފަހު އެކުލަވާލި ކަރުދާހެއްގެ ކޮޕީއެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.
މި ރިޕޯޓުގައި އަދި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިސަރަކަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ވެރިކަން ވައްޓާލުމުގެ މުޅި މަސައްކަތަށް 92.2 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، އެ ފައިސާ އިންޑިއާއިން ހޯދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް މި މަސައްކަތް ކާމިޔާބު ނުވީ ބޭނުންވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދު ނުލިބުމުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެސް މި ރިޕޯޓާ ގުޅޭ ގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި އިންޑިއާއިން އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނާ ޝިރީޝް ތޮރާތު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަރުކަށި ފިކުރާ ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެއް ކަމަށް ބުނެފައިވެއެވެ.
އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދީން ޖެއިސްވާލް ވިދާޅުވީ މި ރިޕޯޓަކީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން ގޯސްކުރުމަށް ލިޔެފައިވާ އެއްޗެއް ކަމަށެވެ. އަދި ވޮޝިންގްޓަން ޕޯސްޓަކީ އިތުބާރު ކުރެވޭ ނޫހެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިންޑިއާގެ ރަސްމީ ބަޔާނުން ދޭހަވަނީ މި ރިޕޯޓުގައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު އެއްޗެހި ކަމަށެވެ.









