އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ އިންޑިއާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ޕިޔުޝް ގޯޔަލްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ސައީދު ވަނީ އިންޑިއާގެ މިނިސްޓަރ ޕިޔުޝް ގޯޔަލްގެ އިތުރުން، އިންޑިއާގެ ވިޔަފާރިވެރިންގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ އަދި ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.
އިންޑިއާގެ މިނިސްޓަރާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ގާއިމުކުރުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އާ ގުޅޭގޮތުންނެވެ. މި އެއްބަސްވުމުގެ މަސައްކަތަކީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ފެށިގެންދިޔަ މުހިންމު މަސައްކަތެކެވެ.
މި މަޝްވަރާތަކުގައި، ރައީސް ޑރ. މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ގުޅިފައިވާ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އަމިއްލަ ދާއިރާގެ އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ.
ދަތުރުފުޅާ ގުޅޭގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ، "އަޅުގަނޑުމެންގެ އުންމީދަކީ މި ބިނާކުރުވަނިވި ބައްދަލުވުންތަކުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން،" ކަމަށެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މި މުހިންމު ދަނޑިވަޅުގައި ކުރެވުނު މި ދަތުރުފުޅަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިގްތިސާދީ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ދަތުރުފުޅެކެވެ.









