ވިއެޓްނާމްގެ ދެކުނުގައި އޮންނަ ފޫ ކުއޮކް އައިލެންޑް ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލުމުގެ ސަބަބުން އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެއެވެ.
އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި އިންޑިއާގެ 32 ފަތުރުވެރިންނާއި ހަތަރު ފަޅުވެރިން ތިއްބެވެ. މި ހާދިސާގައި 21 މީހަކު ސަލާމަތްކުރެވިފައިވާއިރު، އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ލޯންޗަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު "ހޮން މޭ ރޫޓް އެންގޯއައި" ރަށުން ފުރައިގެން "އަން ތޯއީ އިންޓަނޭޝަނަލް ޕޯޓް" އަށް ދަތުރުކުރި ލޯންޗެކެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، އެ ރަށާ ގާތްގަނޑަކަށް 400 މީޓަރު ބޭރުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، މީހުން ސަލާމަތްކުރާ ފަރާތްތަކުން ކަނޑުމަތިން މީހުން ނަގައިގެން ފުރާނަ ސަލާމަތްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މަންޒަރު ދުށް މީހުން "ވީއެން އެކްސްޕްރެސް" ނިއުސް ސައިޓަށް މައުލޫމާތު ދިން ގޮތުގައި، ވިއެޓްނާމްގެ ބޯޑަރ ގާޑުންނާއި، ނޭވީ އަދި ކޯސްޓްގާޑް އެ ސަރަހައްދަށް ދިއުމުގެ ކުރިން، ކައިރީގައި ހުރި އެހެން އުޅަނދުފަހަރުން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާގައި ގިނަ ބަޔަކު މަރުވީ ލޯންޗުގެ އެތެރޭގައި ތާށިވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަނޯއީގައި ހުންނަ އިންޑިއާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި ހާދިސާގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކަށް އެހީތެރިވުމަށްޓަކައި ހަނޯއީ އާއި ހޯޗީމިން ސިޓީގައި ކޮންޓްރޯލް ރޫމްތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުވެސް ވިއެޓްނާމްގެ ހާލޯންގް ބޭގައި "ވޮންޑަރ ސީ" ނަމަކަށް ކިޔާ ފަތުރުވެރިން އުފުލާ ބޯޓެއް ބަންޑުންޖަހާލައި 39 މީހުން މަރުވެފައިވެއެވެ. އެއީ އެ ގައުމުގެ ތާރީޚުގައި ހިނގި ކަނޑުމަތީގެ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.









