މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލައި ދިޔަވާން ފެށުމުން ފުލުހުންނާއި އެމްއެންޑީއެފުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވެއެވެ.
މިއަދު ހެނދުނު 09:57 އެހައިކަންހާއިރު މި ހާދިސާ ރިޕޯޓުކުރުމާއެކު، ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބ. އަތޮޅު ފުލުހުންގެ އެހީތެރިކާއެކު އެ ދޯންޏާއި ދޯނީގައި ތިބި މީހުން ރައްކާތެރިކަމާއެކު މިހާރު ވަނީ އޭދަފުއްޓަށް ގެންގޮސްފައެވެ. މި ދޯނީގައި ތިބީ 4 މީހުންނެވެ. އެއީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ. ފުލުހުން ކަށަވަރުކޮށްދެއްވާފައިވާގޮތުގައި މި އެންމެންގެ ހާލުވެސް ވަރަށް ރަނގަޅެވެ.
ނަމަވެސް، ދޯނި އަރިއަޅައިލުމުގެ ސަބަބުން ކަނޑަށް އެޅުނު ލަކުޑިފަތިތައް ބ. އޭދަފުށީގެ އިރުދެކުނުން 4 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށް އޮޔާދާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.









