267 މީހުންނާއި އެކު ސައިޕްރަސް އިން ފުރައިގެން ތުރުކީއަށް ދަތުރުކުރި ފެރީ އެއް އިއްޔެ ބަންޑުން ޖަހާލައި، މަދުވެގެން 8 މީހުން މަރުވެ ގިނަބަޔަކު ގެއްލިއްޖެއެވެ. ބައިނަލްއަޤްވާމީ މަސްދަރުތައް ބުނާ ގޮތުގައި މި ހާދިސާ އާއި ގުޅިގެން އެ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ވަރަށް ކަނޑު ގަދަ ވަގުތެއްގައި ނޮދަން ސައިޕްރަސްގެ ކީރީނިއާ ބަނދަރުން ފުރައިގެން ތުރުކީގެ މާރސިން އަށް ދަތުރުކުރި މި އުޅަނދު ބަންޑުން ޖަހާލާފައި ވަނީ ސައިޕްރަސް އިން ނައްޓައިލިތާ އެންމެ 15 މިނެޓް ތެރޭގައެވެ.
ތުރްކިޔޭ އާއި ސައިޕްރަސް އިން ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތުން 237 އަށްވުރެ ގިނަ މީހުން ދިރިތިއްބާ ސަލާމަތް ކުރެވިފައިވާއިރު، އަދިވެސް 17 އާއި 23 އާއި ދެމެދުގެ އަދަދެއްގެ މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައި ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި ހާދިސާ އަކީ ނޮދަން ސައިޕްރަސްގެ ތާރީޚުގައި ވެސް ހިނގި އެންމެ ހިތާމަވެރި ކަނޑުގެ ހާދިސާ ކަމަށް އެގައުމުގެ ބޮޑުވަޒީރު އުނާލް އުސްޓެލް ވަނީ ސިފަކުރައްވާފައެވެ. އޭނާގެ ސަރުކާރުން ވަނީ މިކަމުގައި ކިތަންމެ ކުޑަ އިހުމާލެއްވީ ފަރާތަކަށް ވެސް ހައްގު އަދަބު ދޭނެ ކަމަށް ވިދާޅުވެފައެވެ.









