ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރުމަށް ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ ބްރޭލް ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު އާންމުކުރެއްވި މެސެޖެއްގައެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، ބްރޭލްގެ އީޖާދީ އަދި އިންޤިލާބީ ބަދަލާއެކު ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތައް ބާރުވެރިކުރުމުގައި ބްރޭލް އަދާކުރި މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ބްރޭލަކީ އެފަދަ ފަރާތްތަކަށް މުޖުތަމަޢުގައި ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ލިބުނު ބާރުގަދަ ވަސީލަތެއްކަމަށާއި، އޭގެ ސަބަބުން އެފަދަ ފަރާތްތަކަކީ ޤައުމީ ތަރައްޤީގައި ފުރިހަމަ ބައިވެރިންނަށް ވެގެންދާކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ޚިދުމަތްތަކާއި ވަސީލަތްތައް ފަރުމާކޮށް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެ ޤައުމެއްގެވެސް އަސާސީ ޒިންމާއެއްކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިއަދުގެ ސަރުކާރަކީ މުޖުތަމަޢުގެ މިފަދަ ޒަރޫރީ ބޭނުންތަކަށް ރިޢާޔަތްކޮށް، ސިޔާސަތުތައް ތަންފީޒުކުރަމުންދާނޭ ސަރުކާރެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި، މުޖުތަމަޢުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.









