ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރަށްރަށުގައި ބޭރު ތޮށި ނެތުމާއި ނަރުދަމާގެ ކަންކަމުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ލައިވް ކަވަރޭޖަކަށް ދެއްވި ބަސްތީޤަތުމުގައެވެ.
ވަޒީރު ވިދާޅުވީ މާލެއަށް އިއްޔެ ކުޑަ ވަގުތު ކޮޅެއްގެތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވިކަމަށެވެ. އަދި މާލޭގައި ހުރި ޕަމްޕްތައް ބަރާބަރަށް މަސައްކަތް ކުރިނަމަވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންގަނޑު ހިނދުމުގައި ގޮންޖެހުންތަކެއް ދިމާވިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލޭގެ އިތުރުން ރަށްރަށަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ބޭރު ތޮށި ހަލާކުވެފައި ހުރި ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށެވެ. މިފަދަ މައްސަލަތައް ދިމާވަނީ ދުރަށް ވިސްނާނުލާ ކަންކަން ކުރުމުގެ ސަބަބުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ވާރޭވެހުމުން ރަށްރަށުގައި ނަރުދަމާގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވޭ. މިކަންވާ ގޮތަކީ ރަށްރަށުގައި ނަރުދަމާގެ މަސައްކަތްތައް ފަރުދީ ގޮތުންނާއި ސަރުކާރުގެ ތެރެއިން މިކަން ކުރެވޭއިރުވެސް ދުރު މުސްތަޤުބަލަކަށް ވިސްނާލުމެއްނެތި ކުރެވިފައި ހުރުމުން." ވަޒީރު ވިދާޅުވިއެވެ.
މި މައްސަލަތަކަކީ ދެތިން ދުވަހުން ޙައްލުވާނެ މައްސަލަތަކެއް ނޫން ނަމަވެސް މިފަދަ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން އަލަށް ފަށާ މަޝްރޫޢުތަކުގައިވެސް ދުރު މުސްތަޤުބަލަށް ވިސްނުމަށްފަހު މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުގެ ޙާދިސާތަކުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ގަޑިތަކުގައިވެސް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ޙާދިސާއެއް ހިނގައިފިނަމަ އެކަމަށް ތައްޔާރަށް ތިބިކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ވިއްސާރައިގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ގަދަވެފައިވާކަން ފާހަގަކުރެވެއެވެ. މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރައިގެ އިންޒާރު ދީފައެވެ. އަދި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.









