ދުންފަތުގެ ބާވަތެއް އުފައްދަން ބޭނުން ކުރާ ތަކެތި އަމިއްލައަށް ރާއްޖެއަށް އެތެރެ ކުރުން މަނާކޮށްފި އެވެ.
ހެލްްތު މިނިސްޓްރީން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް ފޮނުވި ސިޓީއެއްގައި ވަނީ މިހާރަކަށް އައިސް އަމިއްލަ މީސްމީހުން ގިނަ ޢަދަދަކަށް ދުންފަތް އުފައްދަން ބޭނުންކުރާ ކަރުދާހާއި ފިލްޓަރާއި ދުންފަތް ޕެކެޓް އާދަޔާ ޚިލާފަށް އެތެރެކުރަމުންދާ ކަމަށާއި، ދުންފަތުގެ ބާވަތެއް އުފެއްދުމަށް ބޭނުން ކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ އެތަކެތި ހިފަހައްޓައި ނައްތާލުމަށް އަންގާފަ އެވެ.
މިކަމާއި ގުޅިގެން، ސޯޝަލް މީޑިއާގައި ވެސް ވަނީ ބައެއްފަރާތްތަކުން ފޯރުކޮށްދޭ ނުބައި މަޢުލޫމާތު ތަކުގެ ސަބަބުން ޢާންމުންނަށް އޮޅުން އަރާފައެވެ.
ބައެއްފަރާތްތަކަށް ހީވެފައިވަނީ މީގެފަހުން ދުންފަތް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށާއި އެ އުފައްދަން ބޭނުންކުރާ ކަރުދާސް ވެސް އެތެރެ ނުކުރެވޭނެ ކަމަށެވެ. އެހެންވެ އެފަދަ ތަކެތި ގަތުމަށްޓަކައި އެ ވިއްކާ ފިހާރަތައް ކައިރި ވަނީ ތޮއްޖެހިފައެވެ.
މިކަމާއި ގުޅޭ ރަސްމީ ބަހެއް ސަރުކާރުން އަދި މީޑިއާ އާއި ހިއްސާ ކޮށްފައެއް ނުވެއެވެ.

ސިގިރޭޓް އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާވީ ކަމަށް ބުނެ އެތަކެތި ގަތުމަށް ހުޅުމާލޭގެ ފިހާރަެއް ކައިރީ މީހުން ތޮއްޖެހިފައި. (ފޮޓޯ: ސޯޝަލް މީޑިއާ)









