މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދެ ގުނަ އިތުރުކުރުމަކީ އަމާޒެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ މިހާރު މާލެ ސަރަޙައްދުގައި ފެނުގެ ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ ޕްލާންޓްތަކަކީ ދުވާލަކު 20,000 ޓަނުގެ ފެން އުފައްދުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެއްކަމަށެވެ. ނަމަވެސް، މާލެ ސަރަޙައްދުގައި މިހާރު ދުވާލަކަށް 11,000 ޓަނަށްވުރެ ގިނަ ޢަދަދަކަށް ފެން ބޭނުންވާކަމަށް މަތީން ފާހަގަކުރެއްވިއެވެ. އިތުރުވަމުން އަންނަ އާބާދީއާއެކު މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާކަމަށް މަތީން ވިދާޅުވިއެވެ.
މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މާލެ އަދި ހުޅުމާލެ ހިމެނޭހެން، 5,000 ޓަނުގެ ފެން އުފައްދާ އިތުރު 2 ޕްލާންޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް މަތީން ހާމަކުރެއްވިއެވެ. މި ޕްލާންޓްތަކާއެކު، މިހާރު މާލޭގައި ފެން އުފައްދާ ކެޕޭސިޓީއަށް އިތުރު %30 އިތުރުކުރެވޭނެކަމަށް މަތީން ވިދާޅުވިއެވެ. މި މަޝްރޫޢުގެ މަސައްކަތް 2025 ވަނަ އަހަރު ފުރިހަމަކުރުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް މަތީން ފާހަގަކުރެއްވިއެވެ.
"އައު ޕްލާންޓްތައް ހޯދުމުގެ މަސައްކަތް މިވަނީ ފަށާފައި. ހުޅުމާލޭގައި 5,000 ޓަނުގެ ޕްލާންޓެއް އަދި މާލޭގައިވެސް 5,000 ޓަނުގެ ޕްލާންޓެއް މި ހޯދަނީ. 2025 ވަނަ އަހަރު މި ޕްލާންޓް ބަހައްޓާނަން. އަޅުގަނޑުމެންގެ އަމާޒު ހުރީ، ފެން އުފައްދާ ކެޕޭސިޓީ ދެ ގުނައަށް އިތުރުކުރުން." މަތީން ވިދާޅުވިއެވެ.
މީގެ އިތުރުން، ފެން ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކޮށް މި ސަރަޙައްދަށް ފެނުގެ ރައްކާތެރިކަން އިތުރުކުރުމަކީވެސް ކުންފުނީގެ އަމާޒެއްކަމަށް މަތީން ވިދާޅުވިއެވެ. އެގޮތުން، މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތް މި އަހަރުގެ ކުރީކޮޅު ނިންމާނެކަމަށް މަތީން ވިދާޅުވިއެވެ.









