ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން ޗައިނާއަށް ސުން ޓެކުހުގައި އެކްސްޕޯޓް ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމަށް 1 ޖަނަވަރީ 2025 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން ރަމްޒުކޮށްދޭ މުހިންމު މޭލުގައެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކަށް ފުރުޞަތު ހުޅުވި، ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރިއަރައިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ސުން ޓެކުހުގައި އެކްސްޕޯޓު ކުރެވޭނެ. އަދި މަހުގެ އުފެއްދުންތައް ރީއެކްސްޕޯޓް ކުރުމަށް ވެސް މަގުފަހިވެގެން ދާނެ." މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު 29 ގައި ޗައިނާއާއި ރާއްޖެއިން ސޮއިކުރި ގުދުރަތީ ކަނޑުގެ އުފެއްދުންތައް ބަލައި ފާސް ކުރުމާއި ކަރަންޓީނު ކުރުމުގެ ޕްރޮޓޮކޯލްގެ ސަބަބުން ކަނޑުގެ ކާނާގެ އުފެއްދުންތައް ބޭރުކުރަން ފަސޭހަވެ، ކަނޑުގެ ކާނާގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
މި އެއްބަސްވުމުގެ ސަބަބުން މަސްވެރި ސިނާއަތް ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަގުނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، މަސްވެރިކަމުން ޖީޑީޕީއަށް ޙިއްސާކުރާ މިންވަރު އިތުރުވެ، ސީދާ މަސްވެރިޔާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރިއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު، ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 އިންސައްތަ ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވެފައިވެއެވެ.









